އިންޑިއާއިން ބުނަނީ 200 މިލިއަން އަންހެނުން މާލީ ނިޒާމުގެ ތެރެއަށް ގެނަސްދީފައިވާނެ ކަމަށެވެ. އދގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ޖަލްސާއަށް މަޢުލޫމާތު ދެމުން އިންޑިއާއިން ބުނެފައި ވަނީ ދެ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ބާރުވެރި ކޮށްފައިވާނެ ކަމަށެވެ.
ބަވަނަވަމުންދާ ދުނިޔެއާއި، ދެމެހެއްޓެނިވި ތަރައްގީގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިންޑިއާއިން ބުނެފައި ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިޖުތިމާއީ ގޮތުން އަންހނުން ރައްކާތެރި ކުރުމަށް ކޮވިޑްގެ ތެރޭގައި އިންޑިއާއިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުން ރައްޔިތަށްދޭ ސަބްސިޑީއާއި އެހެނިހެން މާލީ އިނާޔަތްތައް ދެމުން ގެންދަނީ ބޭންކު އެކައުންޓް މެދުވެރިކޮށެވެ.
އިންޑިއާގައި އަންހެނުން ދަންވަރުގެ ޝިފްޓްގައި މަސައްކަތް ކުރުމަށް ކުރިން ހުއްދައެއް ނޯވެއެވެ. ނަމަވެސް ގާނޫނަށް ގެނަސްފައިވާ ބަދަލާއެކު އަންހެނުންނަށް އެ ފުރުދސަތު ފަހިކޮށްދީފައިވާ ކަމަށްވެސް އިންޑިއާއިން މަޢުލޫމާތު ދިނެވެ.
މީގެ އިތުރުން އިންޑިއާއިން ވަނީ އެއް މިލިއަނުން ފެށިގެން ދިހަ މިލިއަން ރުޕީސްއާ ހަމައަށް ކޮންމެ ބޭންކެއްގެ ބްރާންޗަކުން އަންހެނުންނަށް ލޯނު ދިނުމަށް ޚާއްސަ ކެޓަގަރީއެއް ކަނޑައަޅާފައެވެ.
މީގެ ސަބަބުން އިންޑިއާގައި އަންހެނުން މައިކްރޯ އަދި އެސްއެމްއީތަކުގައި ހަރަކާތް ތެރިވުން އިތުރުވެފައިވާ ކަމަށްވެސް ދައްކައެވެ.