އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނާއިބް ވެންޑީ ޝާރމަން އިންޑިއާއަށް ވަޑައިގެންފިއެވެ. އެކަމަނާ ވިދާޅުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނަނީ ބައިނަލްއަގްވާމީ ނިޒާމަށް ޗައިނާއިން ނުރައްކާ ކުރާކަމަށް ވަނީނަމަ، އެމެރިކާއާއި އިންޑިއާ ގުޅިގެން ޗައިނާއާ ވާދަ ކުރާނެ ކަމަށެވެ. އިންޑިއާ ކަނޑާއި ޕެސިފިކްގައި ޗައިނާއިން ދަނީ ބާރު ދައްކަމުންނެވެ. ޗައިނާއާ ކުރިމަތި ލުމަށް އެމެރިކާއާއި ވިލާތު އިއްތިހާދުންވެސް މަސައްކަތް ކުރެއެވެ. ނަމަވެސް މިއިން މަސައްކަތެއް އަދި އާރުލާ ގޮތަކަށް ފެނިގެނެއް ނުދެއެވެ.

އިންޑިއާ އައިޑިއާސް ސަމިޓްގައި ވާހަކަ ދައްކަވަމުން ޝާރމަން ވިދާޅުވީ އިންޑިއާއާއި އެމެރިކާއާއި އެއްގޮތަކަށް ވިސްނާ ދެ ގައުމު ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން މޫލާފައި ވަނީ މިނިވަންކަމާއި ހުޅުވާލާފައިވާ ނިޒާމެއްގައި ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އޭނާގެ ވާހަކައިގައި މައި ގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ހިންދު ކަނޑާއި ޕެސިފިކްގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުންނެވެ. އޭނާ ކުއޯޑަށް އިޝާރާތެއް ނުކުރައްވައެވެ.

އެމެރިކާއާއި އިންޑިއާއިން ޗައިނާއާ ކުރިމަތި ލުމަށް ކުއޯޑްގެ ވާހަކަތަކެއް ދެއްކުމަށް ފަހު އޮސްޓްރޭލިއާއާއި އިންގިރޭސިވިލާތާ ގުޅިގެން ވަކި އަސްކަރީ އިއްތިހާދެއް ހެދުމުން ނިއުދިއްލީއަށް ސިހުމެއް ލިބުނެއެވެ. އަދި ހިނދުކޮޅަކަށް މޖުޅި ކުއޯޑްގެ އައިޑިއާ ފަނިވެގެން ދިޔައެވެ. ދެ ގައުމުން ވަނީ ވަރުގަދައަށް ޑިޕްލޮމެޓިކް މަސައްކަތެއް ކޮށް އަސްކަރީ އިއްތިހާދު ދަމަހައްޓާނެ ކަމުގައި ގެރެންޓީ ދީފައެވެ.