ޗައިނާގައި އެތައް ބައެއް ނިޒާމުން ގެއްލިފައިވާ ކަމަށް އޮސްޓްރޭލިއާގެ ނިއުސް ވެބްސައިޓުން ބުނެފިއެވެ. މި އެޖެންސީން ބުނާ ގޮތުން މަޝްހޫރު ވެފައި ނުވަތަ މުއްސަންޖަކަށްވީ ނަމަވެސް އަދި ނިކަމެއްޗެއް ކަމުގައިވީ ނަމަވެސް، ޗައިނާގެ ވެރިކަމުގެ ނިޒާމާ ގަޔާ ނުވާނަމަ، އެމީހަކު ނިޒާމުން ގެއްލޭނެއެވެ.
އޮސްޓްރޭލިއާގެ ނިއުސް ޑޮޓް ކޮމްއިން ބުނާ ގޮތުގައި ކޮމިއުނިސްޓް ޕާޓީއަށް ފާޑުކިޔައިގެން ނުވާނެއެވެ. އަދި ކޮމިއުނިސްޓް ޕާޓީގެ ވެރިކަންވެސް ގަބޫލުކުރުމަކީ މަޖުބޫރު ކަމެކެވެ.
ޗައިނާގައި ހަނިވަމުންދާ މިނިވަންކަމާއި ދަތިވަމުންދާ ދިރިއުޅުމުގެ ޙާލަތާ މެދު ރިޕޯޓް ކުރަމުން ވޮޝިންޓަން ޓައިމްސްއިން ބުނެފައި ވަނީ، ޗައިނާގައި ރައްޔިތަށް ލިބެން ހުރި ފުރުސަތުތައް މަދެއް ނޫނެވެ. އަދި ލިބެން ހުރި ވަސީލަތްތައްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ރައްޔިތުންގެ ދިރިއުޅުން ދަތި ވަނީ ވެރި މީހާގެ އެދުމަށް ރައްޔިތުންގެ ދިރިއުޅުމަށް ކޮމިއުނިސްޓް ޕާޓީ ފޭދިގަންނާތީ އެވެ.
ވޮޝިންޓަން ޓައިމްސްއިން ބުނާ ގޮތުން އޮންލައިންކޮށް ގޭމްކުޅޭ މީހެއްކމުގައި ވިއަސް އަދި އަސްކަރީ ލީޑަރެއްކަމުގައި ވިއަސް ނާސަރީގައި ކިޔަވާ ކުއްޖެއްކަމުގައި ވިއަސް ކޮންމެ މީހެއްގެ ދިރިއުޅުންވެސް ކޮންޓްރޯލު ކުރަނީ ޝީ ޖިންޕިންގ ރައީސެވެ.
އޮސްޓްރޭލިއަން ނިއުސް ޑޮޓްކޮމްއިން ރިޕޯޓްކޮށްފއިވާ ގޮތުގައި އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަންދާސާއަކީ، ޗައިނާގައި، ދުވާލެއްގެ މައްޗަށް ވިއްސަކަށް މީހުން ނިޒާމުން ގެއްލެއެވެ. މިމީހުންގެ މައްސަލައަކީ ޗައިނާގެ ވެރިކަމުގެ ނިޒާމަށް ހުރަސް އެޅުމެވެ.
ޗައިނާގެ މަހާ ސާދާގަރު، ޖެކް މާ އަކީ މީސްމީޑިއާގެ ނިޒާމުން ގެއްލުވާލައި ކުޑަކޮށްފައިވާ ޝަޚުސިއްޔަތެކެވެ. އޭނާގެ މައްސަލައަކީ، އޮކްޓޯބަރު 2020ގަައި ޝެންހާއީގައި އޮތް ވުނަދަންކާރުންގެ މަހާސިންތާއެއްގައި ޗައިނާގެ ބޭންކިންގ ގެ ނިޒާމަށް ފާޑު ކިޔުމެވެ.
ހުޅަނގުގެ ގައުމުތަކުގައި އޮންނަ ބީދައިން މީހާ މާބޮޑަށް މަގްބޫލުވެ، އައިޑޮލްއަކަށް ވާނަމަ އެއީވެސް ޗައިނާގެ ނިޒާމުގައި މައްސަލައެކެވެ.
މީގެ އިތުރުން ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ބަސްނާހާ މީހުންގެ ލިސްޓްގައި ހިމެނިގެން އުއިގޫރު މުސްލިމުންގެ ދޮޅު މިލިއަނެއްހާ މީހުން ވަނީ އިސްލާހިއްޔާ ހުރަގެއަށް ލައި ބަންދުކޮށްފައެވެ. އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކާއި އދން ބުނާ ގޮތުން މި ހުރަގެތަކުގައި ވޭންދެނިވި އަޒާބުން މިމީހުންނަށް އަޒާބު ދެވެއެވެ.