އެންމެކުޑަ އުޖޫރައާ ގުޅޭ އެއްވެސް ޝަކުވާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ނުކުރައްވާ ކަމަށް ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭން ނިންމައިފައިވާ އަދަދުތައް ބޮޑުވެގެން އެކަމުގެ ޝަކުވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުރެއްވި ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކާ ބުހުތާނު ދޮގު ހަބަރު ފެތުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ގާސިމަށް ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ދިޔުން ހަޖަމު ނުވެ ދޮގު ހަބަރު ފެތުރިޔަސް، ގާސިމް ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތް ފަހަތަށް ޖައްސާނުލެވޭނެ ކަމަށްވެސް އަލީ ވިދާޅުވި އެވެ.

“މިއީ ރައްޔިތުންގެ ތެރޭގައި އޮނަރަބަލް ގާސިމް އިބްރާހިމަށް ފަހަކަށް އައިސް އިތުރުވަމުންދާ ލޯތްބާއި އިހުތިރާމް ފެނި، ހަޖަމް ނުވެގެން ލިޔެފައިވާ ލިޔުމެއް. އެއީ އެއްވެސް ޝައްކެއް ނެތް ކަމެއް.” އަލީ ސޯލިހު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ބޯޑުން މިހާރު އިކޮނޮމިކް މިނިސްޓަރަށް ލަފާ ދީފައިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 7،000ރ. ދިނުމަށެވެ. އަދި ކުދި ވިޔަފާރިތަކަށް 5،700ރ. ދޭން ބޯޑުން ލަފާދީފައިވާއިރު މެދުފަންތީގެ ވިޔަފާރިތަކަށް 8،000ރ. ދޭން ވަނީ ލަފާދީފައެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދޭން ލަފާދީފައިވަނީ 10،200ރ. އެވެ.