އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީލަންކާ އާއި އިންޑިއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

އިންޑިއާ ދެކޮޅަށް ގައުމީ ދަނޑުގައި މިއަދު ލަންކާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅު ނުވެވި އިންޑިއާއަށް ފައިނަލަށް ފުރުސަތު ހަނިވެފައިވާއިރު، މިއަދުގެ ނަތީޖާއާއެކު ލަންކާއަށް ވަނީ ފައިނަލުގެ ފުރުސަތު އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ އިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާބޮޑު ނުރައްކަލެއް ލަންކާގެ ގޯލަށް ކުރެވިފައެއް ނުވެއެވެ. އެގޮތުން މި ހާފުގައި އިންޑިއާ އިން ބޮޑަށް ބެލީ އަރިމަތިން ހުރަސްތައް ޖަހައިގެން ފުރުސަތުތައް ތަނަވަސްކުރަން ނަމަވެސް އެ ހުރަސް ލަންކާގެ ކީޕަރު ސުޖަން ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެވެސް މެޗު ކޮންޓްރޯލް ކުރީ އިންޑިއާއެވެ. ފުރަތަމަ ހާފާ ހިލާފަށް އިންޑިއާގެ އެޓޭކުތައް ރަނގަޅުކޮށް، އެޓީމުން ތިރިތިރިން އޭރިއާ ތެރެއަށް ނުރައްކާ ކުރަން މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ހާފުގެ ކުރީކޮޅުގައި އިންޑިއާގެ ދެ ހަމަލާއެއްވެސް ފެނިގެން ދިޔައެވެ.

އެގޮތުން އިންޑިއާގެ އުދަންތާ އާއި ކެޕްޓަން ސުނިލް ޗެތްރީ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ލަންކާގެ ކީޕަރެވެ. މީގެއިތުރުން މެޗުގެ 89 ވަނަ މިނެޓްގައި އިންޑިއާގެ ސުބާޝިޝް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މުބާރާތުގައި ލަންކާ ދެން ބައްދަލުކުރާނީ ރާއްޖެއާ އެވެ. އަދި އިންޑިއާ އިން ދެން ބައްދަލުކުރާނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ނޭޕާލްއާ އެވެ.