މިދިޔަ އާދިއްތަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އެހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

ފުލުހުން ބުނި ގޮތުގައި މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުންނެވެ.

މިހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުންނެވެ.