ގައުމީ ދުވަސް ފާހަގަ ކުރުމަށްޓަކައި ގައުމީ ހެދުން އެޅުމަކުން ނުފުދެއެވެ. ޖަލްސާތަކާއި ހަފްލާތައް ބާއްވައިގެން ވެސް ފުއްދާލެވޭކަށް ނެތެވެ. ގައުމީ ދުވަސް އެބަތަލަކަށް ނިސްބަތްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގެ މަތީން ހަނދާންކޮށްގެން ވެސް ވާކަށްނެތެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ބޮޑުތަކުރުފާނު ފަދަ އަބުތާލުން ހިންގެވި މަގުން ހިނގަން ހިތްވަރު ދިނުމެވެ. އަދުގެ ޒުވާނުންނާއި ސްކޫލު ކުދީންނާއި ދުވަސްވީ މީހުންގެ ހިތްތަކުގައި ގައުމީ ލޯބި އާލާ ކުރުމެވެ.

ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދައި އާލާކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހެއެވެ. ސަބަބަކީ ގައުމާ ގައުމުވަންތަކަމާއި ގައުމުދެކެ ލޯބިވުމާއި މިފަދަ ސިފަތަކުގެ މުހިންމުކަން ބައެއް ކުދީންނަށް އެނގިފައި ނުވާތީއެވެ.

ގައުމިއްޔަތުގައި ހިމެނޭ އެއްމެ މުހިއްމު ރުކުންތަކަކީ މިނިވަން ކަމާއި، ބަހާއި ދީނާއި ސަގާފަތާއި އާދަކާދަ އާއި ތާރީޚެވެ. މީގެ އިތުރަށް އިގުތިސާދު ވެސް ހިމެނެއެވެ. ނަމަވެސް މިހާރު މި ގައުމިއްޔަތުގެ ރުކުންތަކަށް ސަމާލުކަން ދެވެނީ ކިހާމިންވަރަކަށްތޯ ސުވާލު އުފެދެއެވެ. ސަބަބަކީ މިހާރުގެ ކަޑަ ކުދިންނާއި ޒުވާނުން އަޅުގަނޑުމެންގެ މާދަރީ ބަހަށް ދޭ ސަމާލުކަން ކުޑަވުމެވެ. ސަގާފީ ކަންކަމަށް ތަރުހީބުދޭ ނިސްބަތް މަދުވުމެވެ. ދީނަށް ފުރައްސާރަކުރާމީހުން މަދުން ނަމަވެސް މި ގައުމުން ފެންނަމުން އެބަދެއެވެ.

ގައުމީ ދުވަސް ސުކޫލުތަކުގައި ފާހަގަ ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ކުދިންގެ ހިތުގައި ގައުމީ ލޯބި އުފެއްދުމެވެ. ގައުމަށްޓަކައި ގުރުބާންވެދިޔަ އަބުތާލުންގެ އަގުވަޒަންކޮށް އެ ހަނދާންތައް އާކޮށްދިނުމެވެ. ނަމަވެސް އެ މަގުސަދު ހާސިލުވޭހެއްޔެވެ؟

ސުކޫލަށް ގައުމީ ހެދުމެއްލައިގެން ކުދިން ދިއުމުން މިކަން ނިންމާލެވޭކަން ނެތެވެ. ކުއްޖަކު ލައްވާ ދިވެހި ދިދައެއް ކުރަހާލުމަކުން ފުއްދޭކަންނެތެވެ. ލަވައެއް، ޅެމެއް ނުވަތަ ބަންޖެއް ކިއުއްވުމުން ކުދިންގެ ހިތުގައި ގައުމީ ލޯބި އުފެއްދޭނެ ހެއްޔެވެ؟ ހަމަ ގައިމުވެސް އަޅުގަނޑު އެއްބަހެއްނޫނެވެ.

ގައުމީ ބަތަލުން ކުރެއްވި ޖިހާދު ކުދިންގެ ހިތްތަކުގައި ބިންވަޅު ނެގެން ޖެހެއެވެ. އެ އިހުސާސް ކުދިންނަށް ކޮށްދޭން ޖެހެއެވެ. މިނިވަންކަމަކީ ކިހާ މުހިއްމުކަމެއްކަން ކުދިންނަށް އެނގެންޖެއެވެ. މިނިވަންކަން ގެއްލުމުން ލިބޭނެ ގެއްލުންތައް ކުދިންގެ ސިކުނޑިތަކަށް ވައްދައިދޭންޖެހެއެވެ. މިކަން ކުރެވޭނީ ކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގަންނުވައިގެންނެވެ. ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމަށްޓަކައި ގައުމިއްޔަތާއި ގުޅިފައި ހުރި ވާހަކަތައް ކުދިންނަށް ކިޔައިދޭން ޖެއެވެ. އެމަންޒަރުތައް ސިފަވާނޭހެން ކުދިންނަށް ދައްކަން ޖެހެއެވެ. ކުދިންލައްވާ އެ ދައުރު އަދާކުރަން ޖެހެއެވެ. އެފުރުޞަތު ކުދިންނަށް ހޯދައިދޭންޖެހެއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބުތަގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ރައީސުލް ޖޫމްހޫރިއްޔާ އިބުރާހިމް މުޙައްދު ސާލިހު ވިދާޅުވީ ރާއްޖެ އަށާއި ދިވެހި ވަންތަކަމަށް އަދި ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ ބައެއްގެ ގޮތުގައި ދަރިން މުޖުތަމައަށް ނެރުމަކީ މިއަދު ގައުމީ ވާޖިބެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ. އަދި ދިވެހިވަންތަ ޝަޚުސިއްޔަތެއްގެ ސިފަތައް ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައި ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ވާޖިބު އަދާކުރަން ތިބި ފަރާތް ތަކަކީ ބެލެނިވެރިންނެވެ. މަދަރުސާތަކެވެ. މުދައްރިސުންނެވެ. ކަމާގުޅޭ މުއައްސަސާތަކެވެ. ފާއިތުވި އަހަރު ގައުމީދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ގައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށެވެ. އަދި ގައުމިއްޔަތަކީ ގުރުބާނީތަކުގެ ބިމުގައި ގައުމީ ބަތަލުންގެ ޖިހާދީ ލެއި އަދި ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް ކަމުގައެވެ. ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން މާދަމާގެ ޖީލުތަކަށް ހުވަނދުލެވޭނީ އަދުގެ ދިރިތިބީން އެ ގަހަށް ހޭހަންކޮށް އެއްމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫޙު ފުރިހަމައަށް ހަރުލައްވައިގެން ކަމަށްވެސް ރައީސްގެ މިދިޔަ އަހަރުގެ ގައުމީދުވަހުގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭއަކީވެސް ޤައުމީ ދަރިންތަކެއް އުފެދި އެތައް ދަރިއަކު ގައުމަށްޓަކަކައި ޖިހާދުކޮށް ޝަހީދުވެ، އެ އަގުހުރި ލޭ މި ބިމަށް އޮހޮރާލި ޤައުމެކެވެ.

ދެވެހި ރާއްޖޭގައި ގައުމީ ބަތަލުންގެ ޒިކުރާ އާކުރުމަށްޓަކައި ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަ ކުރީ މީލާދީން 1946 ވަނަ އަހަރު އެވެ. އެއީ ހިޖުރައިން 1365 ވަނަ އަހަރެވެ. މި ދުވަސް ފާހަގަކުރަމުން މިގެންދަނީ ޕޯޗްގީޒުންގެ 15 އަހަރަށްވުރެ ދިގުމުއްދަތެއްގެ އަޅުވެތިކަމުގެ ދަށުން އުތީމު އައްސުލްޠާނުލް ޣާޒީ މުޙައްމަދުތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) 1573 ވަނަ އަހަރު ރާއްޖެ މިނިވަން ކުރުމުގެ ހަނދާންތައް އާކުރުމަށެވެ.

މި ހަނދާންތައް އަދުގެ ޖީލުގެ ކުދީންގެ ހިތްތަކުގައި ބިންވަޅު ނެގުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ގައުމަށްޓަކައި ގުރުބާންވި ބަތަލުންނަށްޓަކައެވެ. އެ އަބުތާލުންގެ މިންނެތް މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައެވެ. އެކަން ކުރެވެން އޮތީ މިއަދުގެ ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގަނެގެންނެވެ. ގައިމިއްޔަތެއް ހުރި ދަރިންތަކެއް ބިނާ ކުރެވިގެންނެވެ. އެފަދަ ޝަޚުސިއްޔަތު ހުރި ދަރިންތަކެއް އުފެއްދިއްޖެނަމަ ގައުމު ކުރިއަށްދާނީ ރަނގަޅު މިސްރާބުންނެވެ.