ޕާކިސްތާންގެ އެންމެ މަޝްހޫރު ނަންތައް ވަނީ ޕެންޑޯރާ ޕޭޕާސްގައި ފާހަގަ ކޮށްފައެވެ. އިމްރާން ޚާން ބޮޑު ވަޒީރު ވަނީ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޕެންޑޯރާ ޕޭޕާސްގައި ކެބިނެޓްގެ އިސް ވަޒީރުންގެ ނަމާއި ޕާކިސްތާންގެ މީޑިއާގެ އެންމެ ބޮޑެތި ނަންތަކާއި ސިފައިންގެ ގާތް ތިމާގެ މީހުންނާއި ވިޔަފާރިވެރިންނާއި އެމީހުންގެ އާއިލާތަކުން ވާރު މައާފްކޮށްފައިވާ ސަރަހައްދުތަކުގައި ފައިސާ ފޮރުވާފައިވާ ކަމަށާއި ކުންފުނިތައް ހަދާފައިވާ ކަމަށް ލިސްޓްކޮށްފައި ވެއެވެ.

އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖަރނަލިސްޓްސްއިން ބޭޒާރުކޮށްފައިވާ ޑޮކިއުމެންޓްތަކުން އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ޕާކިސްތާނުން ބޭރުގައި ފޮރުވާފައިވާ ކަން ހާމަވެއެވެ.

ޕާކިސްތާންގެ ގާނޫނު ބުނާ ގޮތުން ވާރު މަނާ ސަރަހައްދެއްގައި މީހަކު ކުންފުންޏެއް ހެދުމަކީ މަނާ ކަމެއް ނޫނެވެ. ބައެއް ގައުމުތަކުގައި މިއީ މަނާ ކަމެކެވެ. ނަމަވެސް މަސްއޫލު މަގާމެއްގައި ހުރި މީހެއްގެ މިލްކިއްޔާތުގައި މިފަދަ ކުންފުންޏެއްގެ ހިއްސާއެއް އތްނަމަ އެކަން މާލީ ބަޔާން އެކުލަވާލާއިރު ހާމަ ކުރުމަކީ ގާނޫނީ ވާޖިބެކެވެ. އަދި މި ވާހަކަ ސިއްރު ކުރުމަކީ ކުށެކެވެ.

ޕާކިސްތާނުން އައިސީއައިޖޭގެ އިންވެސްޓިގޭޝަންގައި ބައިވެރިވި ނޫހަކީ ޕާކިސްތާންގެ ދަ ނިއުސްއެވެ.

ޕެންޑޯރާ ޕޭޕާސްގައި ލިސްޓްކޮށްފައިވާ ސިޔާސީ ލީޑަރުންތައް:

  • ޕާކިސްތާންގެ މާލީ ވަޒީރު ޝައުކަތު ތާރިންއާއި އާއިލާ.
  • ފެނާ ބެހޭ ވަޒީރު މޫނިސް އިލާހީ
  • ކުރީގެ ވަޒީރު އަދި މިހާރުގެ ސެނެޓަރ ފައިސަލް ވާވްޑާ
  • ބޮޑު ވަޒީރުގެ ކުރީގެ މާލީ އެޑްވައިޒަރ ވަޤާރު މަސްއޫދު ޚާން އަދި އަބްދުﷲ މަސްއޫދު ޚާން
  • އިންޑަސްޓްރީޒް އެންޑް ޕްރަޑަކްޝަން މިނިސްޓަރ ޚުސްރޫ ބަޚްތިޔާރުގެ އާއިލާ
  • ވެރިކަން ކުރާ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ލީޑަރު އަބްދުލް އަލީމް ޚާން
  • ޕާކިސްތާން މުސްލިމް ލީގް ނަވާޒްގެ ލީޑަރު އިސްހާގް ދާރްއާއި ދަރިފުޅު
  • ތަހްރީކޭ އިންސާފް ޕާޓީއަށް ފައިސާ ހޭދަ ކުރާ އާރިފް ނަގްވީ އާއި ތާރިގް ޝާފީ
  • ޕާކިސްތާން މުސްލިމް ލީގް ގާއިދްގެ ވެރިޔާ ޗައުދަރީ ޕަރްވޭޒް އިލާހީ
  • ފެޑރަލް ބިއުރޯ އޮފް ރިޒާވްގެ ޗެއަރމަން ސަލްމާން ސިއްދީގްގެ ދަރިފުޅު ޔާވަރް ޔާސީން

ޕެންޑޯރާ ޕޭޕާސްގައި ލިސްޓް ކޮށްފައިވާ ސިފައިންގެ އޮފިސަރުންނާއި އާއިލާތައް:

  • ޖެނެރަލް (ރ) ޝަފާގަތުﷲ ޝާހްގެ އަންހެނުން
  • ކުރީގެ ވަޒީރު އަދި ރިޓަޔަރޑް އޮފިސަރ ރާޖާ ނާދިރް ޕަރްވޭޒް
  • ކުރިން ޖާސޫސީ އިދާރާގެ ވެރިޔާ ޖެނެރަލް (ރ) ނުސްރަތު ނައީމް
  • ވައިގެ ސިފައިންގެ ވެރިޔާ އައްބާސް ކަތަކްގެ ދަރިން އުމަރު އަދި އަހްމަދު ކަތަކް
  • ޖެނެރަލް (ރ) ހަބީބުﷲ ޚާން ކަތަކްގެ އަންހެން ދަރިފުޅު
  • ޖެނެރަލް އަދި ކުރީގެ ވަޒީރު ޖައުހަރު އައްޔޫބް ޚާންގެ އާއިލާ

ވިޔަފާރިވެރިންގެ ތެރޭން ނަން ހިމަނާފައި ވަނީ:

  • އެކްޒަކްޓް ސީއީއޯ ޝުއައިބު ޝާހް
  • ނޭޝަނަލް ބޭންކް އޮފް ޕާކިސްތާންގެ ރައީސް އާރިފް އުސްމާނީ
  • ނޭޝަނަލް އިންވެސްތްމެންޓް ޓްރަސްޓްގެ ޑިރެކްޓަރ އަދްނާން އަފްރީދީ
  • ޕޭޝާވަރް ޒަލްމީގެ ވެރިޔާ ޖާވިދް އަފްރީދީ

މީޑިއާ ހިންގާ ވެރިންގެ ތެރޭން ނަން ހިމަނާފައި ވަނީ:

  • ޖަންގް ގްރޫޕް މީޑިއާގެ މީރް ޝަކީލުއް ރަޙްމާން
  • ޑޯން މީޑިއާގެ ސީއީއޯ ހަމީދް ހާރޫން
  • އެކްސްޕްރެސް މީޑިއާ ގްރޫޕްގެ ސުލްތާން އަހްމަދު ލަކްނީ
  • ޕާކިސްތާން ޓުޑޭގެ ވެރިޔާ އާރިފް ނިޒާމީ