ތުރުކީ ސަރުކާރުގެ ރިޔާސީ ތަރުޖަމާނު އިބްރާހިމް ކާލިންއާއި، ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރިޔާސީ ތަރުޖަމާނު އިބްރާހިމް ކާލިން ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވެ އޭނާގެ ކިބައިން ބަލީގެ ލުއި އަލާމާތްތަކެއް ފެނުނު ނަމަވެސް، އެކަމަށް ފަރުވާ ހޯދައި މިހާރު ހާލު ރަނގަޅު ކަމަށެވެ.

މިއީ، ރިޔާސީ ތަރުޖަމާނު ކޮވިޑަށް ޕޮޒިޓިވްވިކަން އޭނާ ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އޭނާއާއި އޭނާގެ އާއިލާ މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ކަމަށެވެ.

އޭނާއާއި އަދި އާއިލާ އެންމެންވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ގެންދަނީ، އާއިލާ މެމްބަރުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެނި، ޑޮކްޓަރުގެ މަޝްވަރާގެ މަތިން ކަމަށްވެސް ދާޚިލީ ވަޒީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ތުރުކީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 375،367 އަށް އަރާފައެވެ. ހޮނިހިރު ދުވަހު އެކަނިވެސް 2،213 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 323،971 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް ތުރުކީ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި 2،075 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 75 މީހުން މަރުވެ، ކޮވިޑް ބަލީގައި ތުރުކީން މަރުވި މީހުންގެ އަދަދުވަނީ 10،252 އަށް އަރާފައެވެ.

ތުރުކީގައި ކޮރޯނާވައިރަސް ބަލިމީހުންނަށް ފަރުވާ ދިނުމާއި، ސިއްހީ މަސައްކަތްތެރިންގެ ރައްކާތެރި ކަމަށާއި، ވައިރަސް ފެތުރުން ހުއްޓުވަން ތުރުކީ ސަރުކާރާއި ޗައިނާ ގުޅިގެން ވަރަށް ގާތް ގޮތެއްގައި ގެންދަނީ މަސައްކަތް ކުރަމުންނެވެ.