މާލޭގެ މަގުތައް ތަރައްގީކުރުމަށް ޓަކައި"މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ނަމުގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލު ގެނެސް 16 މަގެއްގައި ތާޅު އެޅުމަށް ނިންމައިފި އެވެ.

އާރްޑީސީއާއި އެކުގައި މިއަދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

އެއްބަސްވުމުގެ ދަށުން މާލޭގެ މަގުތައް ހެދިގެންދާއިރު ތާރުއަޅާ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގާއި ބޮޑު ތަކުރުފާނު މަގުގައި ހިމެނެ އެވެ. މީގެ އިތުރުން ބައެއް މަގުތަކުގައި އަލުން ގާ އަތުރައިގެން މަގުތައް ހަދާނެ އެވެ. އަދި ކުރިން މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތު އަވަސްކުރުމަށްވެސް ކަނޑައަޅާފައިވެ އެވެ.

މިއަދުގެ މި އެއްބަސްވުމުގެ ދަށުން ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.