" އަހަރެން ވަރަށް އަވަހަށް މާލެ ދާން ފުރަންޖެހޭނެ. އަހަރެންގެ މަތިން ހަނދާން ނައްތައި ނުލާތި " ވަހީދާ ބުނެލިއެވެ.

ނާއިފްމެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލިހެން ހީވެގެންނެވެ. ވަހީދާ ބިރުން ތެދުވެއްޖެއެވެ. ގެއަށް ދާން އުޅެގެންފިއެވެ. އެއީ ސަލީމްގެ ކަމެކޭ ކިޔައިގެން ވަހީދާ ހަމަޔަކަށް އަޅުވަން ނާއިފް މަސައްކަތް ކުރިއެވެ. އަނެއްކާވެސް ދުރުން މީހަކު ހިނގާފައިދާތަން ނާއިފް އަށް ފެނުނެވެ.

" ބަލަ އެދަނީނު އަހަރެމެންނަށް ބިރު ދައްކާލާފައި އެ ސަލީމް " އެމީހާ ވަހީދާއަށް ނާއިފް ދެއްކިއެވެ.

" އޯ އެސަލީމްގެ ކަންތައް ދޯ " ވަހީދާ ބިރުކެނޑުނެވެ.

" އަޅާ ނުލާ އެއީ ސަލީމްގެ އާދަ . ހިމޭނުން ހުރުމަކީ އޭނައަށް ވާނެކަމެއް ނޫން " ނާއިފް ބުނެލިއެވެ.

" މިހާރު ބާރަ ޖަހަނީ ހިނގާ ގެއަށް ދާން " ވަހީދާ ހިނގައިގެންފިއެވެ. ފަހަތުން ނާއިފްވެސް ހިނގައިގަތެވެ. ދެމީހުންވެސް ބޭނުންވީ އެއްވެސް މީހަކަށް ނުފެނި ގެއަށް ދާށެވެ. އެހެންވެ އެމީހުން ގެއަށް ދިޔައީ އަތިރިމަތިން ލާފައެވެ.

މީހަކަށް ނުފެނި އެމީހުންނަށް ގެއަށް ދޭވޭގޮތެއް ނުވިއެވެ. ފަހަތުން މީހަކު ގޮވާލިއެވެ. ނާއިފްމެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ދޮންހައްވަ ހުއްޓެވެ.

" އޭ ހާދަހާ ސަޅި ބިޓެއް ގޮވައިގެން ތި ދަނީ " ދޮންހައްވަ ބުނެލިއެވެ.

" އޭ މޮޔަ ހައްވާ ނުބެހޭ ކަންތަކާއި ނުބެހިބަލަ " ނާއިފް ގާތަށް ރުޅި އަތުވެއްޖެއެވެ.

" ތީ ދޯ ތިކުރާކަމަކީ. ރަށުން ބޭރު ކުދިންނާއި އެކީގައި ހިނގާލަން ދަނީ. މާދަމާ އެންމެން ގާތުގުގައި ބުނާނަން " ދޮންހައްވަ ބުނެލިއެވެ. ނާއިފް އެކަމަކާއި އަޅައެއް ނުލިއެވެ. ގެއަށް ދާން ހިނގައިގަތެވެ. ވަހީދާ ހުރީ ވަރަށް ބިރުންނެވެ.

" އެއީ މިރަށުގައި އުޅޭ ބޯގޯސް މީހެއް. ބައެއް މީހުން ބުނޭ އެއީ ޖިންނި އަވަލާފައި ހުންނަ މީހެކޭ " ވަހީދާ ބިރުގެންފައި ހުރިތަން ފެނިފައި ނާއިފް ބުނެލިއެވެ.

ނާއިފްމެންނަށް ގެއަށް ދެވުނުއިރު ވަހީދާމެން އުޅޭ ގޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަހީދާ އާއި ނާއިފް ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތުމުގެ ސަބަބުން ނާއިފްމެން ނިކުތީ ބޭރަށެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ.

" މާދަމާ އެންމެނަށް މިކަން ފަޅާއަރާނެ ދޯ " ވަހީދާ އިނީ ބިރުންނެވެ.

" އެކަމާއި ހާސްނުވޭ. ކޮންމެވެސް ދުވަހަކުން މިކަން އެންމެނަށް އެގެންވާނެ " ވަހީދާ ހިތްހަމަ ޖައްސައިދެވޭތޯ ނާއިފް މަސައްކަތް ކުރިއެވެ.

އެއިރު ވަހީދާމެންގެ އޮފީސް ކުދިން ދޮރާށިން ވަދެގެން އަންނަތަން ނާއިފްމެންނަށް ފެނުނެވެ. ނާއިފް ޖޯލިން ތެދުވިއެވެ.

" އަހަރެމެން މިއައީ ރެސްޓޯރެންޓަކުން ކައިގެން ވަހީދާއަށް ވެސް ގުޅިން. ފޯނު އޮތީ ނިއްވާލައިފައި. ދެން ކުޑަކޮށް ޝޮޕިންވެސް ކޮއްލައިގެން މިއައީ " ސަމީރާ ބުނެލިއެވެ." އަހަރެމެންވެސް މިއައީ ކުޑަކޮށް ޝޮޕިންގ ކޮއްލައިގެން " ވަހީދާ ދޮގެއް ހަދައިލިއެވެ.

އެމީހުން ދިޔައީ ގޭތެރެއަށެވެ. ދަތުރަށް ތައްޔާރު ކުރުމަށެވެ. ލަސްނުކޮށް ނިދާށޭ ބުނެފައި ސަމީރާ ދިޔައީ ގޭތެރެއަށެވެ. މާލަސްނުކޮށް ވަހީދާ ނިދަން ގޭތެރެއަށް ހިނގައިގަތީ ނާއިފްއާއި ވަދާއީ ސަލާމް ކޮއްފައެވެ. ދުވަހަކުވެސް ވަކިނުވާނޭ ކަމުގެ ޔަގީންކަން ދެމުންނެވެ.

ނާއިފް އެނބުރި ގެއަށް ދެރަވެހުރެގެންނެވެ. ވާނީވެސް އެހެންތާއެވެ. ނާއިފް ހަޔާތަށް އައި ބައިވެރިޔާ ވަގުތީގޮތުންނަމަވެސް ގެއްލޭތީއެވެ. އެނޫން ގޮތެއް މިއަދު އެ ދެމީހުންނަކަށް ނެތެވެ. ދެމީހުން ދިރިއުޅެން ޖެހިފައިވަނީ ދެރަށުގައެވެ. ނާއިފް ގެއަށް އައިސް ފެންވަރައިލައިގެން ނިދަން އޮށޯތެވެ. ކޮޓަރި ތެރޭގައި ނާއިފް އޮތީ އެކަންޏެވެ. ކޮޓަރިތެރޭގައި ފަނޑު އަލިކަމެއް ހުއްޓެވެ. ގަދަ އަލީގައި ނިދުމަކީ އަބަދުވެސް ނާއިފަށް ވަރަށް އުނދަގޫ ކަމެކެވެ. ނާއިފް ނިދޭތޯ މަސައްކަތް ކުރިއެވެ. އެކަމަކުވެސް ނިދިއަންނަ ގޮތެއް ނުވިއެވެ. ހިތް އެދި ގޮވަނީ ވަހީދާ އާއި ބައްދަލު ކުރުމަށެވެ. ނާއިފް ފޯނު ނަގައި ވަހީދާއަށް ގުޅިއެވެ. ވަހީދާ ފޯނަކަށް ޖަވާބެއް ނުދެއެވެ. ވަހިދާ އޮންނާނީ ނިދާފައޭ ހިތާ ނާއިފް އަނެއްކާ ވެސް ނިދޭތޯ ބެލިއެވެ. ނިދޭގޮތެއް ނުވިއެވެ. އެންމެފަހުން ބޭރަށް ދާން ހިނގައިގެންފިއެވެ. ރަށުގެ މަގުމަތީގައި މިލަ ހަނދުވަރެއް ދީފައި އޮތެވެ. ނާއިފް ގޮސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެލިއެވެ. ނާއިފް ސިއްސައިގެން ދިޔައީ ބުޅަލެއް ފުންމައިގެން އައިސް ޖޯލިފައްޗަށް ޖެހުނުއަޑަށެވެ. ނާއިފް ޖޯލިން ތެދުވިއެވެ. މަޑު ހިނގުމެއްގައި ގޮސް މަގުމައްޗަށް ނިކުތެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ހެނދުނު ހައެއް ޖެހިއިރު ނާއިފް ހުރީ ވަހީދާމެން އުޅޭ ގޭގައެވެ. އެއިރު އެމީހުންގެ ފޮށިތައް ބޭރުގައި ހުއްޓެވެ.

" ހާދަ އަވަހަކަށް " ނާއިފް ފެނުމާއިއެކު ވަހިދާއަށް ލިބުނީ ހައިރާން ކަމެކެވެ.

" އާނ ފުރުވަން މިއައީ " ނާއިފް ދިނީ ކުރު ޖަވާބެކެވެ.

" ރޭގައި ނުވެސް ނިދަން ދޯ " ވަހީދާ ސުވާލު ކުރިއެވެ.

" ކިހިނެތް ނިދާނީ " ނާއިފް ބުނެލިއެވެ.

އެންމެން ހިނގައިގަތީ ވަހީދާމެން ފުރުވަން އަތިރިމައްޗަށެވެ. އެދިޔަ ގޮތަށް ގޮސް އެރީ ލޯންޗަށެވެ.

" ހިތްވަރު ކުރޭ. އަހަރެން ގުޅާނަން. އަހަރެން ނާއިފްއަކަށް ދެރަގޮތެއް ނުހަދާނަން " ވަހީދާ ނާއިފްއާއި ސަލާމް ކޮއްލާފައި ގޮސް ލޯންޗަށް އަރައިފިއެވެ. ލޯންޗު ރަށުގެ ފަޅުން ނިކުމެގެން ދިޔަތަން ބަލަން ނާއިފް ހުރީ ފެންކަޅިވެފައެވެ.

ލޯންޗުގޮސް ލޮލަށް ގެއްލެންދެން ހުރި ފިޔަވަޅުމަތީގައި ނާއިފް ހުއްޓުން އަރާފައި ހުއްޓެވެ. ހަޔާތަށް އައި ބައިވެރިޔާ ވަގުތީގޮތުން ނަމަވެސް ގެއްލުނީތީއެވެ. ވަހީދާއަށް މާލެ ދެވޭނީ ހަވީރުގެ ވަގުތެއްގައެވެ. ވަހިދާ މާލެ ދެވުނުހާ އަވަހަކަށް ގުޅާނެއެވެ. އެހާވެސް ވަހީދާ ނާއިފްދެކެ ވަރަށް ލޯބިވެއެވެ. ނާއިފް ހިތަށް އަރަމުންދެއެވެ.

" އޭ ހިނގާ ގެއަށް ދާން " ސަލީމް އައިސް ނާއިފް ގާތުގައި ބުނެލިއެވެ.

" ވަހީދާވެސް ދިޔައީ " ނާއިފް ހުރީ ފެންކަޅިވެފައެވެ.

ނާއިފް އޮފީހަށް ނުގޮސް އައީ ގެއަށެވެ. މިއަދު އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. ނާއިފް ގެއަށް އައި ގޮތަށް އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ވަހީދާ ދެން އެނބުރި އަންނާނެބާއެވެ. ވަހީދާ އަހަރެން ދެކެ އެހާ ލޯބިވޭބާއެވެ. ނާއިފް ހިތަށް އަރަމުން ދެއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލިއަޑަށް ނާއިފް ބަލައިލިއެވެ. އެއިރު މަންމަ ކޮޓަރިތެރެއަށް ވަންނަނީއެވެ." ލަދުން ބޯހަލާކު ވާވަރުވެއްޖެ " މަންމަ ހުރީ ވަރަށް ރުޅިގަދަވެފައެވެ.

" ކިހިނެތްވީ މަންމާ " ނާއިފް ހުރީ ހައިރާންވެފައެވެ.

" މިރަށުގައި އެދެކެވެނީ ރޭގައި މާލޭ ކުއްޖަކު ގޮވައިގެން އަތިރިމަތީ ގައި އުޅުނީޔޯ " މަންމަ ބުނެލިއެވެ.

" އަތިރިމައްޗަކަށް ނުދަން. ފިހާރައަކަށް ދިޔައީ " ނާއިފް ދޮގުހެދިއެވެ.

" ކޮބާ އެދިޔައީނު ފުރައިގެން ދަރިފުޅު ލަދުގަންނަވާލައިފައި. އެއީ އެމީހުންގެ ފާޑޭ " މަންމަ ރުޅިގަދަވިއެވެ. އެހެން ބުނެފައި މަންމަ ކޮޓަރިން ނިކުތެވެ. އެހާ ސިއްރުން ކުރި ކަންތައް ފަޅާއެރީއެވެ. މަންމަ ކޮޓަރިން ނިކުތުމުން ނާއިފް ގޮސް ކޮޓަރި ތަޅުލިއެވެ. މަންމަ ވަދެފާނެތީއެވެ. ނާއިފްއަށް ރޮވިއްޖެއެވެ. އެހާ އަވަހަށް އެކަން ފަޅާއެރީމައެވެ. ނާއިފް ފޯނު ނަގައި ވަހީދާއަށް ގުޅައިލިއެވެ. ވަހީދާ ފޯނަކަށް ޖަވާބެއް ނުދިނެވެ. ނާއިފްގެ ގާތަށް ރުޅިއައެވެ. ކިތަންމެ ފަހަރަކު ވަހިދާގެ ނަމްބަރު ފޮހެލާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ނާއިފްގެ ފޯނުން ވަހީދާގެ ނަމްބަރ ފޮހެލިޔަސް ހިތަކުން ވަހީދާގެ ނަމްބަރ އަދި ވަހީދާގެ ނަންވެސް ފޮހެނުލެވޭނެއެވެ. ނާއިފްގެ ފޯނު ރިންގްވާންފެށިއެވެ. ނާއިފް ފޯނު ނަގައި ބަލައިލިއެވެ. ސަލީމެވެ. މިގަޑީ ކީއްކުރަންބާވައެވެ. އަނެއްކާ ވަހީދާގެ ޚަބަރެއް ދޭންބާވައެވެ. ނާއިފް ފޯނަށް ޖަވާބު ދިނެވެ.

" އޭ ސަލީމް އަހަރެންނަށް ލަނޑެއް ދޯ ތި ދިނީ " ނާއިފް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.

" ނޫނޭ ވަހީދާ އަކީ ތި ހީކުރާކަހަލަ ކުއްޖެއް ނޫން. އެއަށްވުރެ މާ ރަނގަޅުވާނެ " ސަލީމް ބުނެލިއެވެ.

" އޭ ކަނޑާލީއޭ ވަހީދާ އެބަ ގުޅާ " ނައިފް ހިތް އަވަސްވިއެވެ.

" ދެންމެ މިއާދެވުނީ. ފަހުން ގުޅާނަން " ވަހީދާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. ނާއިފް ހިތަށް ހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ. ނާއިފް އުފަލުން ފޮޅުނެވެ.

ހަވީރު ހަތަރެއް ޖެހުމާއިއެކު ނާއިފް ފެންވަރާލައިގެން ބޭރަށް ނިކުތެވެ. ނާއިފްގެ މޫނުމަތިން ފެންނަނީ އެކަނިވެރިކަމެވެ. ނާއިފް ގޮސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

" ދަރިފުޅާ އާދޭ ސައިބޯން " މަންމަ ގޮވާލިއެވެ. މަންމަ އެ އައީ ފިހާރައަކަށް ގޮސްފައެވެ. ކައްކަން ބޭނުންވާ ތަކެތި ގަނެލައިގެންނެވެ. ނާއިފްވެސް މަންމަ ފަހަތުން ހިނގައިގެންފިއެވެ. ނާއިފް މޭޒުދޮށުގައި އިށީނެވެ.

" ކޮބާ މިހާރު އެކަން ހުއްޓާލައިފިން ދޯ " އަނެއްކާވެސް މަންމަ ފެށީ އެވާހަކައެވެ.

" އެއީ ވަރަށް ރަނގަޅު ކުއްޖެއް. އެއީ ރަނގަޅު އާއިލާއެއް. މާލޭގެ ގެދޮރު އެބަހުރި " ނާއިފް ބުނެލިއެވެ.

" ދެން ނާއިފަށް ފެންނަ ގޮތެއް ހަދާ " މަންމަ ބަދިގެއާއި ދިމާލަށް ހިނގައިގެންފިއެވެ. ނާއިފް މިކަމެއް ހުއްޓާލާނެހެނެއް މަންމައަކަށް ހިއެއް ނުވެއެވެ. މަންމަގެ މަސައްކަތް ވީ ބޭކާރެވެ.ހުކުރު ދުވަހު އިރުއޮއްސެން ގާތްވުމާއި އެކު ނާއިފް ދިޔައީ އާދައިގެމަތިން ދޮށިހިފައިގެން މަސްބާނާށެވެ. މިހާރު ގޭގައި ގިނަވަގުތު ހޭދަކުރާކަށް ނާއިފް ބޭނުމެއް ނުވެއެވެ. ސަބަބަކީ އެކަނި އޮންނަން ފޫހިވާތީއެވެ. ވަހީދާގެ ހަނދާންތައް އާވާތީއެވެ. ކޮންމެ ރެއަކު ވަހީދާ ނާއިފްއަށް ގުޅައެވެ. ޚާއްސަކޮށް ނިދާގަޑީގައެވެ. ކޮންމެ ރެއަކުވެސް ގުޑްނައިޓް ކިޔާލާފައި ނޫނިއްޔާ ދެމީހުންނަށް ނިދޭކަމަކަށް ނުވެއެވެ. ނާއިފް ގޮސް ތުނޑީގައި އިށީނެވެ. މިލަ ހަނދުވަރެއް ދީފައި އޮތެވެ. ތަންކޮޅެއް ދުރުން މަސްތައް ފުމޭތަން ފެނެއެވެ.

" ނާއިފް ގެއަށް ދާކަށް ނުވޭތަ " ނާއިފްގެ ފަހަތުން އަންހެންކުއްޖަކު އެހެން ބުނެލިއަޑަށް ނާއިފް އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ބަޔަކު ނާއިފްއަށް ޖެއްސުން ކޮއްލަނީ ކަމަށް ހީކޮށް ހަމަ ހުރީއެވެ. އަނެއްކާވެސް ފަހަތުން ނާއިފްގެ ކޮނޑުގައި މީހަކު ކޮއްޓާލިހެން ހީވިއެވެ. ނާއިފް ވަށައިގެން ހޯދައިލިއެވެ. މީހަކު ފެންނާކަށް ނެތެވެ. މިފަހަރު ރަނގަޅަށްވެސް ނާއިފް ބިރުގެންފިއެވެ. ނާއިފް ބާރަށް ދުއްވައިގެންފިއެވެ. ގެއަށް އާދެވުނީ ކޮން މަގަކުން ކަމެއްވެސް ނާއިފްއަކަށް ނޭނގެއެވެ. ބިރުގެންފައިވާބޮޑުކަމުންނެވެ.

" ކިހިނެއްތަ ވީ " ނާއިފް ފެނިފައި މަންމަ ހާސްވިއެވެ.

" ޖިންނި' ޖިންނި " ނާއިފްއަކަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

" އޭ މޮޔަވީތަ. ކިހިނެއްތަވީ. ވެގެން އުޅޭގޮތެއް ބުނެބަލަ " މަންމަ ހުރީ ހާސްވެފައެވެ.

ނާއިފް މަންމައަށް އެވާހަކަ ކިޔައި ދިނެވެ. އަދި އެހެން އެވަނީ ދަރިފުޅު ނަމާދު ނުކުރާތީ ކަމަށްވެސް ބުންޏެވެ. ނާއިފް ހިނގައިގަތީ ފެންވަރާށެވެ. ވަކި ހިސާބަކަށް ހިނގައިގެންފައި ހުއްޓުނެވެ. ފެންވަރަން ދާންވެސް ބިރުގަތީއެވެ. ނާއިފް އެނބުރި އައިސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އެއިރު އިޝާނަމާދަށް ގޮވަނީއެވެ. މަޑުމަޑުން ތެދުވެ ބަދިގެއަށް ވަދެ އިސްކުރުން ވުޟޫކޮއްލައިގެން އައިސް ނަމާދު ކުރިއެވެ. ނާއިފް ހިތަށް ހަމަޖެހުމެއް ލިބުނީ އަދި ކިރިޔާއެވެ.

މިރެއަކު ނާއިފް ބޭރަށް ދާކަށް ބޭނުމެއް ނުވިއެވެ. މާބޮޑަށް ބިރުގެންފައި ވާތީއެވެ. ރޭގަނޑުގެ ކެއުމަށްފަހު ނާއިފް ވަނީ ކޮޓަރިއަށެވެ. ނިދާލެވޭތޯއެވެ. އެނދުގައި އޮށޯވެލިތަނާހެން ނާއިފްއަށް ނިދިއްޖެއެވެ. ނާއިފް ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ. ނާއިފް ތެދުވެގެން ގޮސް ބޭރު ބަލައިލިއެވެ. ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ބައްޕަ އޮތެވެ. ނާއިފް އެނބުރި ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ނާއިފްއަށް ހެނދުނު ހޭލެވުނީ މަންމަ ގޮވީމައެވެ.

" މިހާރު ނުނިދާ އަބަދު އެވަހީދާއަށް ގުޅައިގެން ދޯ އޮންނަނީ " ނާއިފް ފެނުމާއި އެކު މަންމަ ބުނެލިއެވެ.

" ނިދޭނީ ކިހިނެއް މަންމަ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާތީ " ނާއިފް ބުނެލިއެވެ.

" ބައްޕަވެސް ބުނި ރޭގައި ނާއިފް ނުނިދާ އުޅުނު ވާހަކަ " މިހެން ބުނެލާފައި މަންމަ ހިނގައިގަތެވެ.

ނާއިފްވެސް ފެންވަރާލައިގެން ދިޔައީ އޮފީހަށެވެ. ނަސީބަކުން މިއަދު ގަޑިއެއް ނުޖެހެއެވެ. ނާއިފް ގޮސް މޭޒުދޮށުގައި އިށީނެވެ. އޮފީސް ކުދިން ބަލަން ފަށައިފިއެވެ. ހީވަނީ އެމީހުން މަލާމާތް ކުރަނީހެންނެވެ. ނާއިފް ކަހަލަ ފަޤީރު މީހަކަށް އެކަހަލަ ބައިވެރިއަކު ލިބުނީމަ ހަސަދަވެރިވަނީކަންނޭގެއެވެ. ނާއިފް އެކަމަކާއި އަޅައެއް ނުލައެވެ. މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. މެންދުރުވާން ގާތްވެފައި ހުއްޓާ ނާއިފް ސައިބޯން ބޭރަށް ނިކުތެވެ. ބޭރުގައި އެހާ ގިނަބަޔަކު ފެންނާކަށް ނެތެވެ. އަވަހަށް އޮފީހަށް އަންނާނަމޭ ހިތާ ކެންޓީނާއި ދިމާއަށް ނާއިފް ހިނގައިގަތެވެ. އޮފީހުގައި މަސައްކަތްވެސް އޮތުމާއިއެކުގައެވެ. ނާއިފް ގޮސް ކެންޓީނަށް ވަނުމާއިއެކު އޮފީހުން ގުޅައިފިއެވެ. ވީހާވެސް އަވަހަކަށް އޮފީހަށް އައުމަށް އެދުނެވެ. ނާއިފް ބޭނުންވީ ކިތަންމެ އަވަސް ކަމެއް ކަމުގައިވިޔަސް ހަމަޖެހިލައިގެން އިނދެ ސައިބޮއި ނިމިގެން އޮފީހަށް ދިއުމަށެވެ. ނާއިފަށް އޮފީހަށް ދެވުނުއިރު ބައިގަޑިއިރަށް ވުރެ ބޮޑުވެއްޖެއެވެ. އޮފީހަށް ވަނުމާއެކު ލިބުނީ ހައިރާން ކުރުވަނިވި ވާހަކައެކެވެ. މާލެ ދާން ފުރުސަތު ނާއިފްއަށް ލިބުނީއެވެ. ނާއިފް ހުރީ އުފަލުން ފޮޅިފައެވެ. އެކަމަކު އެއީ އެންމެ މަހަކަށެވެ. އެވަރުވެސް ނާއިފް ހިތްހަމަޖެހުނެވެ. ހަމަ އެންމެ ބޭނުމަކުއެވެ. ވަހީދާއާއި ބައްދަލު ކުރެވޭނެތީއެވެ. އެއްފަސްގަނޑެއްގައި އެންމެ މިނިޓެއް ހޭދަކޮއްލުމަކީވެސް ނާއިފްއަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.

(ނުނިމޭ)