އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މަނަވަރުގެ މި ދަތުރުގައި، މިމަހު 2 އިން 5 އަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 71 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު އެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އިދިކޮޅު ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދުވަސް ވަރެކެވެ. އިންޑިއާ ސިފައިން ރާއްޖެއިން ވަގުން ބޭލުމަށް ވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގެ ބިމުގައި ފައިހަރުކޮށްގެން ތިބުމަކީ މިނިވަން ކަމަށް އެޅޭނެ ހުރަހެއް ކަމަށް އެފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.