މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހަ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅާއި ޕްލާސްޓިކް ފުޅިއެއްގެ އިތުރުން ސެލޯފިންކޮޅެއް ފެނިފައިވާކަމަަށް ފުލުހުން ބުންޏެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ދެވަނަ އޮޕަރޭޝަން ހިންގާފައި ވަނީ ތިން އަތޮޅެއްގައެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ށ.ފުނަދު އާއި ތ. ކިނބިދޫގެ އިތުރުން ޏ.ފުވައްމުލައް ސިޓީގައެވެ.

މީގެ ތެރެއިން ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކާއި 63 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެރަށު ބަނދަރު ސަރަހައްދުން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވެއެވެ.

ކިނބިދޫގައި ހިންގި އޮޕަރޭޝަންގައި ވޭމަންޑުން ކިނބިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް މައުލޫމާތު ލިބިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 24 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މީގެއިތުރުން މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކު ސިޓީގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.