މީގެ ދެތިން ދުވަސްކުރިން ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ސަޕޯޓުކުރުމަށް ޖޯޒީއެއް ގަނެދިނުމަށް ދަރިފުޅު އެދުނެވެ. އެހެންކަމުން ޖޯޒީ ވިއްކާ ފިހާރަ ހޯދައިގެން އެތަނަށް ދިޔައީމެވެ. އެ ފިހާރަ ހުރި މަގުގެ އިތުރުން ތިން މަގު ފުރެންދެން އޮތީ ކިޔޫ ދަމާލާފައެވެ. ކިޔޫގައި ގިނައިން ތިބީ ބިދޭސީންނެވެ. ގެއަށް އައިސް ގޭގައި އުޅޭ ކުދިންގެ ގާތުގައި މިވާހަކަ ބުނީމެވެ. މިހާރު ގައުމީ ކަންކަމުގައިވެސް ކުރީގައި އެތިބެނީ ބިދޭސީންނެވެ. އެކުދިން ބުނީ ތިވާނީ ދިވެހިން ފޮނުވައިގެން އެތަނަށްގޮސް ތިބި ބިދޭސީން ކަމަށެވެ. ނޫނީ އެމީހުން އެތާ ކިޔޫގައި ތިބެ، ޖޯޒީ ގަނެގެން ބޮޑުއަގުގައި ދިވެހިންނަށް ވިއްކަނީއެވެ. ކޮންމެ ގޮތަކަށް ކަންވިޔަސް ގައުމުގެ ކޮންމެ ހަރަކާތަކުން، މި ފެންނަނީ ބިދޭސީން ކުރީގައި ހެލިފެލިވާތަނެވެ.
މާލޭގެ މަގުމައްޗަށް ނުކުމެލުމުން ހީވަނީ ކޮންމެ ދިވެއްސަކަށް ތިން ބިދޭސީން މިހާރު މާލޭގައި އުޅޭނެހެނެވެ.
މިއަދު ރާއްޖޭގެ ހުރިހާ މަސައްކަތެއް މިވަނީ ބިދޭސީންގެ އަތްމަތީގައެވެ. ދަނޑުހެއްދުމުން ފެށިގެންގެންގޮސް އެ ދަނޑުތަކުން ގެންނަ ތަކެތި ވިއްކާ މާރުކޭޓުތަކާއި ފިހާރަތަކުގައިވެސް އެމީހުންގެ ވެރިކަމެވެ. ދިވެހިންގެ ލޭނާރު ކަމުގައި ޒާމާނުއްސުރެ ބަލަމުން އައި މަސްވެރިކަން ކުރުމާއި އެ މަސް ހިއްކުމާއި ރިހާކުރު ކެއްކުންވެސް ބިދޭސީންގެ މަސައްކަތަކަށްވެ ނިމިއްޖެއެވެ. އަހަރެމެން އަމިއްލަ އަށް ކުރާ އެއްކަމެއްނެތެވެ. ވިޔަފާރިތަކާއި އަމިއްލަ ކުންފުނިތައްވެސް ބިދޭސީންގެ އަތްމަތީގައެވެ. މީގެ އިތުރަށް މުސްކުޅި މައިންބަފައިން ބެލުންވެސް އެއީ ބިދޭސީންގެ މަސައްކަތެއްކަމުގައި ހަދައިފިއެވެ. މިއަދު އަނބިދަރީން ވެސް ތިބީ އެބައިމީހުންގެ އަތްމަތީގައޭ ބުނާ ހާލަތަށް ގައުމުގެ ކަންތައް ހިނގައްޖެއެވެ.
ބިދޭސީން މިރާއްޖޭގެ މަސައްކަތްތެރިކަމުގެ ސިނާއަތަށް އަތްގަދަކުރީއެއްނޫނެވެ. އެބައިމީހުންގެ އަތަށް ތަޅުދަނޑި ދީގެން ދިވެހިން ދެއަތް އުރާލައިގެން ތިބެނިއްޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް މިހާރު މިކަން ބިރުން ފިތްކަޑައިގެން ދާ ދަރަޖައަށް ހިނގައްޖެއެވެ. އެއީ މިރާއްޖޭގައި ކުރާ ޖިނާއީ ބޮޑެތި ކުށްތަކުގައި އެމީހުންގެ ދައުރުފުޅާކޮށް އެކަމުގައި ހައްދުފަހަނައަޅާ ދިއުމުންނެވެ.
އިރެއްގައި އަމާންކަމުގެ ސުވަރުގެއެއް ކަމަށް ވެފައިވާ މިކުދި ޖަޒީރާ ރައްތައް ނާމާން ކަމުގެ ކިއްލާތަކަކަށް ބަދަލުވެއްޖެއެވެ. ހަމަހިމޭންކަމުގައި އޮތް މިޖައްވު ބަނަ ވިލާތަކެއްގެ ދަށުވެއްޖެއެވެ. މާލޭގެ އިތުރަށް ކުދިކުދި ރަށްރަށުގައި މާރާމާރީ އާއި ފޭރުމާއި ވައްކަމުގެ އިތުރަށް އަނިޔާކޮށް މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގާ ނުރައްކާތެރި ތަނަކަށް މި ހަމަހިމޭން ވެށި ހަދައިފިއެވެ. އަހަރެމެންގެ އަމިއްލަ ބިމުގައި ދިވެހި ދަރީން ބިދޭސީންގެ އަތްދަށުވެ ރަހީނުވެގެން ތިބެން ޖެހިއްޖެއެވެ.
މިހާރުވެސް މީހުން މެރުމުގެ އެތައް މައްސަލައެއް ބިދޭސީންގެ މައްޗަށް ސާބިތުވެ ހުކުމް ތަންފީޒުކުރާ އެތައް ބިދޭސީންނެއް ޖަލުތަކުގައި ވެއްޖެއެވެ. މީގެ އިތުރަށް ގޭންގުތަކުގަޔާއި މާރާމާރީތަކުގައި ޝާމިލުވާ ބިދޭސީން ރާއްޖޭގެ އެތައް މިތާނގައި ޖަގަހަ ހަދައި ވަކި ހިއްޕާލައިގެން އެބަ ތިއްބެއެވެ.
މީގެ އިތުރަށް ފެމެލީ ކޯޓުގެ ހިސާބުތަކުން ދައްކާގޮތުންނަމަ، މިހާރު އެވެރެޖު ގޮތެއްގައި މަހެއްގެ މައްޗަށް ބިދޭސީންނާއި ދިވެހީން ކުރާ ކައިވެނި ދިހަ އަކަށް އަރައެވެ. މިއީ ނަސްލު ގެއްލި މައްދިވެހީން ހުސްވެދާނެ ކަމުގެ އިންޒާރެކެވެ.
ބަދުއަޚުލާގީ އަމަލުތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް ބިދޭސީންނަށް ތުހުމަތުވެއެވެ. އަދި އެކަންތައް ސާބިތުވެފައިވެސް އެބަހުއްޓެވެ. މީގެ އިތުރަށް ރާއްޖޭގެ ރަށްރަށުގަޔާއި މާލޭގައި ބަނގުރާ ކައްކައި އޭގެ ވިޔަފާރި ކުރުމުގެ މުގުލުގައިވެސް ތިބީ ބިދޭސީންނެވެ. އެހެންކަމުން ބިދޭސީން ޝާމިލު ނުވާ އެއްވެސް ކަމެއް މިރާއްޖޭގައި ނެތެވެ.
ބިދޭސީންގެ ސަބަބުން ހަމަ އެކަނި އަސރު ފޯރާފައިވަނީ އަހަހރެމެންގެ އިގުތިޞާދަށް އެކަންޏެއްނޫނެވެ. ދީނާ ޘަގާފަތައް އެބައިމީހުންގެ ސަބަބުން ނެދެވޭ އަސަރު ފޯރަނީއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރަނީއެވެ. އެހެންނަމަވެސް މިކަމަށް ވިސްނާ ބަޔަކު އުޅޭހެނެއް ހިޔެއްނުވެއެވެ.
ދުނިޔޭގެ ބައެއްގައުމުތަކުގައި ބިދޭސީން ގިނަވެ އެގައުމުތަކަށް އަތްގަދަކުރި ފަދައިން ދިވެހި ރާއްޖެއަށްވެސް މިކަމުގެ ރަތް ސިގުނަލް ލިބެމުން އެބަދެއެވެ. ސިރީ ލަންކާ ފިޖީ ފަދަ ގައުމުތަކުގުގައި ބިދޭސީ މަސައްކަތްތެރީން ގިނަވެ، އެ ގައުމުތަކުން އެތައް ފައިސާއެއް ބޭރުކޮށް އެންމެ ފަހުން އެ ގައުމުތަކަތް އަތްގަދަކުރިކަން ތާރީޚު ހެކި ދެއެވެ.
އެހެންކަމުން ބިދޭސީންގެ މި މައްސަލަތަކަށް ވަގުތުން ވަގުތައް ފިޔަޅު އަޅަން ވެއްޖެއެވެ. އެހެންނޫނަމަ އަހަރެމެންގެ މި ގައުމަށް ދިވެހި ގައުމޭ ނުބުނެވޭ ހާލަތު އަތުވެދާނެއެވެ. މިއީ މިނިވަން ގައުމެއްގެ ގޮތުގައި ނޭވާލުމަށްޓަކައި މި ގައުމުން ބިދެސީން މަދުކުރަންޖެއެވެ. މިހާރުވެސް " ރަށުމީދާ ރަށަށް ގަދަވަނޭ" ނުބުނެވޭނެ ހާލަތު އަތުވެއްޖެއެވެ.