ޕާކިސްތާންގައި ސިފައިންނާއި ސަރުކާރާ ދެމެދު ދެބަސްވުމެއް އުފެދިއްޖެއެވެ. ސިފައިންގެ ބާރުގަދަ ޖާސޫސީ އިދާރާގެ ވެރިޔާ އައްޔަން ކުރުމުގައި ދެ ފަރާތްދެމެދުގައި އުފެދިފައިވާ ދެބަސްވުމުގައި ބޮޑު ވަޒީރު އިމްރާން ޚާންވެސް އަދި ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބާޖްވާވެސް ދޫކޮށްލައްވާކަށް ބޭނުންފުޅެއް ނުވެއެވެ.

މީގެ ކުރިން، ޖާސޫސީ އިދާރާގެ ވެރިޔާ އައްޔަން ކުރުމާ ބެހޭ ގޮތުން ސަރުކާރާ ކުރިމަތިލެއްވި ބޮޑު ވަޒީރުންނަށް ވަނީ ނާކާޟިޔާބިއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

ބޮޑު ވަޒީރު ނަވާޒް ޝަރީފާ ދެކޮޅަށް ސިފައިން އިންގިލާބެއް ގެނައެވެ. ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ، ޖާސޫސީ އިދާރާ ހޯމް މިނިސްޓްރީގެ ދަށަށް ގެންދެވުމަށް ގާނޫނެއް ފާސްކުރަން އުޅުއްވާފަ އެކަން ދޫކޮށްލުމަށް މަޖުބޫރުވެ ވަޑައިގަތެވެ. އަދި އެކަމަނާ ސިފައިންގެ ރުހުމާ ނުލައި، މަގާމު ދެއްވި ރިޓަޔާރޑް ޖެނެރަލް މަގާމުން ދުރުވެވަޑައިގަތީ، ވަޒީފާގައި އެހީތެރިވެ ދެނޭނެ ފަރާތެއް ނުވެގެންނެވެ.

ޕާކިސްތާން ސިފައިންގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ޑިރެކްޓަރ ޖެނެރަލަކަށް ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ފާއިޒް ޙަމީދު ވަނީ ސިފައިންގެ އެތެރޭގެ ބަދަލެއްގައި އެހެން މަގާމަކަށް ބަދަލުކޮށްފައެވެ.

ފާއިޒް ޙަމީދަށް ފަހު އެމަގާމު ފުރުއްވާނެ ފަރާތެއްގެ ގޮތުގައި ސިފައިން ވަނީ އެހެން ޖެނެރަލެއްގެ ނަން ހުށަހަޅާފައެވެ. އާދަވެގެން އޮންނަ ހަމައަކީ އައިއެސްއައިގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ނަމެއް ނުވަތަ ނަންތަކެއް ސިފައިން ފޮނުވުމުން ބޮޑު ވަޒީރު އެބޭފުޅަކު މަގާމަށް އައްޔަން ކުރައްވަނީއެވެ. ނަމަވެސް ފާއިޒް ޙަމީދުގެ ފަހުން މަގާމު ފުރުއްވާނެ ފަރާތަކާމެދު ޚިޔާލު ތަފާތު ވެގެން، އިމްރާން ޚާންއާއި ބާޖްވާގެ ދެބޭފުޅުން ވަނީ އެކަހެރިކޮށް ތިން ގަޑިއިރު ވަންދެން މަޝްވަރާތައް ބާއްވަވާފައެވެ. މައްސަލަ ހައްލެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ބުނަނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ވެއްޖެ ކަމަށެވެ.

އައިއެސްއައިގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޖެނެރަލް ބާޖްވާ ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ޖެނެރަލް ނަދީމް އަންޖުމްއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޚާން، ބޭނުންފުޅު ވަނީ ފާއިޒް އައިއެސްއައިގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވާށެވެ. އަދި ފާއިޒަކީ ޚާންގެ އަރިހު މަގްބޫލު އިތުބާރު ކުރެއްވޭ ބޭފުޅެއްކަމަށްވެސް ޚާން ވިދާޅުވިއެވެ. ނަމަވެސް ރައްދުގައި ޚާންއަށް ދަންނަވާފައި ވަނީ، ޚާންއަށް އިތުބާރު ކުރެއްވުނަސް ފާއިޒަކަށް އުމުރު ދުވަހު އެމަގާމުގައި ނުހުންނެވޭނެ ކަމަށެވެ.

ޚާނަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސިފައިންގެ އެތެރޭގެ ކަމެއްގައި ބޮޑު ވަޒީރު ބެހިވަޑައިގަތުމަކީ ރަތް ރޮނގު ހުރަސް ކުރެއްވުމެކެވެ.

ޚާނަކީ، ސިފައިންގެ މަދަދާއެކު އިންތިޚާބު ކާމިޔާބު ކުރައްވައިގެން މަގާމު ހޯއްދެވި ބޭފުޅެކެވެ. އިނާމެއްގެ ގޮތުގައި ޚާން ވަނީ ޖެނެރަލް ބާޖްވާ މަގާމުން ރިޓަޔަރ ކުރެއްވުންފަސް ކޮށްދެއްވާފައެވެ.

އައިއެސްއައި އަކީ ޕާކިސްތާން މިނިވަންވިތަނާ އުފައްދާފައިވާ ޖާސޫސީ އިދާރާއެކެވެ. ޕާކިސްތާންގެ ސަރުކާރުތައް އެކުލަވާލުމާއި ސަރުކާރުތައް ވައްޓާލުމާއި ސިޔާސީ ފަރާތްތައް ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތެކެވެ. ޚާންއަށް ސިފައިންގެ މަދަދާއެކު ވެރިކަން ލިބިވަޑައިގަތީ އައިއެސްއައިގެ އެހީތެރިކަމާއެކު ގައެވެ. އެހެންވެ ދެވަނަ ދައުރެއް ކަށަވަރު ކުރުމަށްތަކައި ޚާނަށް ވަފާތެރި ޖެނެރަލަކު އެމަގާމުގައި ހުންނެވުމަކީ އޭނާއަށް މުހިންމު ކަމެކެވެ.