އެމް-ފައިސާ މެދުވެރިކޮށް މީރާ އަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ޚިދުމަތާއި އެކު، ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކާ، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އެމްފައިސާ މެދުވެރިކޮށް އާންމު ފަރުދުންނަށާއި ކުންފުނިތަކަށްވެސް، އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި އަދި މުދަލު ޒަކާތް، 'ވާރު ޕޭ' ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ އިން އަބަދުވެސް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އުރީދޫ އެމް-ފައިސާ އިން ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށާއި، ޓްރާންސްފަރ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވެއެވެ.

އެމްފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ، މީޑިއާނެޓް އަދި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ތަފާތު އެކި ޚިދުމަތްތަކުގެ ބިލްތަކަށްވެސް ފައިސާ ދެއްކެއެވެ.