ތުރުކީ ކައިރިން އެއިޖިއަން ކަނޑަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ގާފުނިދަށުން، އުމުރުން 70 އަހަރުގެ މީހަކު ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

ވެއްޓުނު އިމާރާތުގެ ގާފުނިދަށުން އެމީހާ ސަލާމަތް ކޮށްފައިވަނީ އިމާރާތް ވެއްޓުނުތާ 33 ގަޑިއިރު ފަހުން، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހުކުރުދުވަހުގެ މެންދުރުފަހު އައި ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ، ތުރުކީގެ އެއިޖިއަން ކަނޑުގެ އައްސޭރިއަށް ވާގޮތަށް އޮންނަ އިޒްމީރް ސިޓީއަށެވެ.

އެ ސިޓީން 20 އިމާރާތެއް ވެއްޓުނުއިރު، އުމުރުން 70 އަހަރުގެ އަހްމަތު ސިޓިމް ނަމަކަށްކިޔާ މީހާ ސަލާމަތް ކޮށްފައިވަނީ "ރިޒާ ބޭ" ނަމަކަށްކިޔާ މީހުން ދިރިއުޅޭ އިމާރާތެއްގެ ގާފުނި ދަށުންނެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން އަދިވެސް ގެންދަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އަތުންނާއި އަދި އެކިއެކި އާލާތްތައް ބޭނުންކޮށްގެން ގާތައް ދުރުކޮށް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

ބިންހެލުމުގެ މި ހާދިސާގައި 49 މީހަކު މިހާތަނަށް މަރުވެފައިވާކަން ތުރުކީން ކަށަވަރު ކޮށްދީފައި ވާއިރު، 885 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޒަޚަމްވި މީހުންގެ ތެރެއިން 15 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ތުރުކީން ބުނެފައި ވެއެވެ.

ބިންހެލުމާ ގުޅިގެން ގްރީސްއިން މަރުވެފައިވަނީ 2 މީހުންކަމަށް ގްރީސް ސަރުކާރުން ހާމަކޮށްފައި ވެއެވެ. ގްރީސްއިން ބިންހެލުމުގެ އަސަރުކޮށްފައިވަނީ ސަމޯސް ނަމަކަށްކިޔާ ރަށަކަށެވެ.