އަފްޣާނިސްތާންގެ އެންމެ ފަހު ޔަހޫދީ މީހާ ތާލިބާން ސަރުކާރަށް ފިލައިގެން އިޒްރޭލަށް ހިޖުރަކުރުމަށް ތުރުކީއަށް ވަދެއްޖެއެވެ. ޒެބޫލޯން ސިމެންޓޭވް އަކީ ބޯހަރު މީހެކެވެ. އޭނާގެ އަންހެނުން ވަނީ މީގެ އެތައް އަހަރެއް ކުރިން އިޒްރޭލަށް ހިޖުރަކޮށްފައެވެ. ނަމަވެސް ސިމެންޓޭވް ވަނީ އޭނާ ވަރިކުރުމަށް ދެކޮޅު ހަދާފައެވެ. އަދި އަފްޣާނިސްތާނަކީ އޭނާގެ ގައުމުކަމަށް ބުނެ ކާބުލް ދޫކޮށް ދިއުމަށްވެސް ދެކޮޅު ހަދާފައެވެ.

ގާނޫނީ ހުރަހެއް ނެތި އިޒްރޭލަށް ވަނުމަށްޓަކައި އޭނާ ވަނީ އޮސްޓްރޭލިއާގެ ފާދިރީއަކު ހެކިކޮށް، ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލެއްގައި އަންހެނުން ވަރިކޮށްފައެވެ.

ސިމެންޓޭވް އަކީ އަފްޣާނިސްތާންގެ ހަމައެކަނި ޔަހޫދީ މީހާ ކަމުން އޭނާއާ އިންޓަރވިއުކުރުމަށް ބޭރުގެ ނޫސްއެޖެންސީތަކުން އެދެއެވެ. މިއިންޓަރވިއުތަކުން ސިމެންޓޭވް ނަގާ އަގުތައް ބޮޑުކަމުން ރަނގަޅު އާމްދަނީއެއް ލިބެއެވެ.

ބައިނަލްއަގްވާމީ ނޫސް އިދާރާތައް ސިފަ ކުރާ ގޮތުން ސިމެންޓޭވްއަކީ ބޮޑު ބަނޑެއްލާފައި ހުންނަ ވިސްކީ ބުއިމަށް ޝައުގުވެރިވާ ކަބާބު ވިއްކާ ތަނެއް ހިންގާ މީހެކެވެ.

އޭނާއާއެކު ކާބުލްގެ ހަމައެކަނި ޔަހޫދީ ފައްޅި ހިއްސާ ކުރި އަނެއް ޔަހޫދީ މީހާ ވަނީ އުމުރުން 80 އަހަރުގައި މަރުވެފައެވެ. އޭނާ މަރުވުމުން ސިމެންޓޭވް ބުނެފައި ވަނީ އެކަމަށް އުފާ ކުރާ ކަމަށެވެ. މި ދެމީހުން އުމުރު ހޭދަ ކޮށްފައި ވަނީ އެކަކު އަނެކަކާ ވާހަކަ ނުދައްކައި ތިބެގެންނެވެ. އަދި ދެމީހުން އެކަކު އަނެކަކާ ބެހޭ ގޮތުން ސަރުކާރަށް ރިޕޯޓް ކުރުމަކީ މިމީހުންގެ އާދައެކެވެ.

މަރުވި ޔަހޫދީ މީހާ ކުރި ރިޕޯޓްތަކުގައި ސިމެންޓޭވް އަކީ އިޒްރޭލްގެ ޖާސޫސެކެވެ. ސިމެންޓޭވް ރިޕޯޓް ކުރާ ގޮތުން އަނެކަކަކީ، ކަސްބީން ގެއަށް ވައްދައިގެން ވިޔަފާރިއަށް ބަދުއަޚުލާގީ އަމަލު ހިންގާ މީހެކެވެ.

ދެމީހުން އެކަކު އަނެކަކާ ދެކޮޅަށް ޝަކުވާ ކުރާތީ ތާލިބާނުގެ ކުރީ ސަރުކާރުން ދެމީހުން ހައްޔަރުކޮށް ތަޅައި ހަދާފައި ވެއެވެ.

އެއްހާސް އަހަރުވަންދެން އިސްލާމީ ވެރިކަމުގައި ގިނަ އަދަދަކަށް ޔަހޫދީން އުޅުނު އަފްޣާނިސްތާންގެ ޔަހޫދީ ފައްޅީގައި އޮތް ޒަމާންވީ ތައުރާތް ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައިގަތުމަށްފަހު ގެއްލިފައެވެ.