އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މުޅި އިނގިރޭސިވިލާތް ލޮކްޑައުން ކުރަން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.

އިނގިރޭސިވިލާތް އަލުން ލޮކްޑައުން ކުރަން ބޮޑުވަޒީރު ބޮރިސް ޖޯންސަން ނިންމެވީ، އިނގިރޭސިވިލާތުގައި ކޮވިޑް ބަލީގެ ހާލަތު ގޯސްވެ، ބަލީގެ ދެވަނަ ރާޅުގެ ސަބަބުން ސިއްހީ ޚިދުމަތްތައް ދިނުމަށްވެސް ނުރައްކާ ފޯރާނެކަމުގެ ބިރު އުފެދުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތް އަލުން ލޮކްޑައުން އަކަށް ދިއުމަށް ނިންމިކަން ސަރުކާރުން އިޢްލާން ނުކުރަނީވެސް އެކަން ވަނީ މީޑިއާއަށް ލީކްވެފައެވެ.

މިކަން މީޑިއާއަށް ލީކުވުމާ ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ ބޮޑުވަޒީރުގެ އޮފީހުގައި ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވައި އެކަމުގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އިނގިރޭސިވިލާތް ލޮކްޑައުން ކުރަނީ މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. ލޮކްޑައުން ފެށޭނީ އަންނަ ބުދަދުވަހުރޭ މެންދަމު 12:00 އިން ފެށިގެން ކަމަށާއި، ޑިސެމްބަރުމަހުގެ 2 އައި ހަމައަށް ލޮކްޑައުން ދެމިއޮންނާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ލޮކްޑައުންއާއެކު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އެގޮތުން، އާންމު ރައްޔިތުންނަށް ގެއިން ބޭރަށް ނުކުމެވޭނީ ކިޔަވަންދޭން، ވަޒީފާއަށް، ކަސްރަތުކުރަން، އަސާސީ ތަކެތި ގަތުމަށް ބާޒާރަށް، ބޭސް ގަންނަންފަދަ ބޭނުންތަކުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.

ލޮކްޑައުން ކުރި ނަމަވެސް، އަސާސީ ތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވިއެވެ.

އަދި އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ކުރިއަށް ގެންދާ އެކިއެކި ކުޅިވަރު ހަރަކާތްތައް ހުއްޓާލެވޭނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޓޭކްއަވޭގެ ޚިދުމަތް ދިނުން ފިޔަވައި، ރެސްޓޯރަންޓްތައް ބަންދުކުރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ. އަސާސީ މުދާ ވިއްކާ ފިހާރަތައް ނޫން ހުރިހާ ވިޔަފާރިއެއް ބަންދުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެގައުމު މިހާރު ވެފައިވަނީ ޔޫރަޕް ސަރަހައްދުން މިބަލީގައި އެންމެ ގިނަމީހުން މަރުވި ގައުމަށެވެ. އެގައުމުން މިހާތަނަށް ކޮވިޑްބަލީގައި 46،555 މީހުން މަރުވެފައި ވެއެވެ.

އިނގިރޭސިވިލާތުން މިހާރުވެސް ދުވާލެއްގެ މައްޗަށް 20،000 މީހުން ޕޮޒިޓިވްވަމުން ދެއެވެ.