އިލްމު އުނގެނޭ ކޮންމެ މީހަކު ވެސް ވާން ވާނީ އަބަދުވެސް އައު ކަމެއް ދަސްކޮށް އުނގެނެން ބޭނުންވެފައިވާ ބައެއްގެ ގޮތުގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދަފުޅުކަވަމުން ނެވެ.މި ހަފުލާގައި މިނިސްޓަރ ވިދާޅުވީ އިލްމީ މުޖުތަމައުއެއް ބިނާކުރަން އިލްމު ހިއްސާކޮށް އިލްމާ މެދު ވާހަކަދައްކާ ބަހުސް ކުރަން ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި "ތައުލީމީ ޖީލެއް އަދި އިލްމީ މުޖުތަމައުއެއް ބިނާކުރެވޭނީ އިލްމާއި އިލްމީ ދިރާސާތަކުގެ މައްޗަށް ހޯދާ ހޯދުންތަކަށް. ތަހުޒީބީ މުޖުތަމައުއެއްގައި އިލްމުދެކެ ލޯބިވާ އިލްމަށް ފެންބޮވައިގެންފައިވާ މީހުން ތިބެންޖެހޭ." މިނިސްޓަރ ވިދާޅުވި އެވެ.

މި ހަފުލާގައި މިނިސްޓަރ ވިދާޅުވީ ދަސްވެނިވާ ކޮންމެ މީހެއްގެ ގައިގަވެސް ދެތިން ސިފައެއް ހުރުން ލާޒިމް ކަމަށެވެ. އެގޮތުން ހިތް ތިރިކަމާއި، ތިމާއަށްވުރެ ނިކަމެތި މީހުންނަށް އިހްތިރާމްކުރުމާއި ކޮންމެ މީހަކު ވެސް ތިމާއަށް އެނގިފައިވަނީ ތައުލީމީ ގޮތުން ކުޑަ މިންވަރެއް ކަމާއި، ތިމާ ތައުލީމް ހާސިލްކޮށްފައިވާ ދާއިރާއަކުން މާ އިލްމީ ބޭފުޅަކު ވެސް ހުރެދާނެކަން ގަބޫލުކުރަން ވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.