ރަށުން މަދުވާ ގަސްތައް އިންދުމުގެ ޕްރޮގްރާމެއް އައްޑޫސިޓީ މީދޫ "ނަލަފެހި މީދޫ،" ޖަމިއްޔާއިން ފަށައިފިއެވެ.

އެ ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ހަރަކާތް ފަށައިފައިވަނީ އޮކްޓޯބަރ 16 ވަނަދުވަހުއެވެ.

މި ޕްރޮގްރާމުގެ ދަށުން ދިވެހިރުކާއި، ކަށިކެޔޮގަހާއި، ބަނބުކެޔޮ ގަހާއި އަދިވެސް އިތުރު ބާވަތްތައް އިންދުމަށްވަނީ ހަމެޖެހިފައެވެ. މިއީ އެއް ހަފްތާއަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. "މިކަމަށް ބޭނުންވާ ފަންސާސް ބަނބުކެޔޮގަސް ވަނީ މުޑުވަށްކުރެވިފައި. އެއާއެކު ސަތޭކަ ކަށިކެޔޮގަހާއި ފަންސާސް ރުއް ވެސް ވަނީ ތައްޔާރުކޮށްފައި،" ނަލަފެހި މީދޫ ޖަމިއްޔާގެ އިސްމީހަކު ބުންޏެވެ. މިގަސްތައް އިންދުމަށް ހަމަޖެހިފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުގައެވެ.

މިމަހު 16 ވަނަ ދުވަހު މި ޕްރޮގްރާމް ފަށްޓަވައި ދެއްވައިފައިވަނީ މީދޫ ކައުންސިލަރ އަދި ނަލަފެހި މީދޫގެ ކުރީގެ ނާއިބު ރައީސާ އާމިނަތު ސާލިހާއެވެ. މިހަރާކާތުގައި ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރ ހުސައިން ރަޝީދާއި، މީދޫގެ ކުރީގެ ވެރީންނާއި ނަލަފެހި މީދޫ ޖަމިއްޔާގެ ވެރީން ވަނީ ބައިވެރިވެފައެވެ.