215 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.

ފުލުހުން ބުނީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޯބަރ 15 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ.އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.