ށ. ނަރުދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރި އިންޖީނުގޭގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތްދޭން ފަށައިފިއެވެ.
މިއީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމަށް ހިންގަމުން ގެންދާ މަޝްރޫއުގެ ދަށުން ބިނާކޮށްފައިވާ އިންޖީނުގެއެކެވެ.
"ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ށ.ނަރުދޫގައި ތަރައްޤީ ކުރެވުނު އައު އިންޖީނުގެ އިމާރާތުގެ %100 މަސައްކަތް ނިމި، ޖަނަރޭޓަރތައް އައު އިންޖީނުގެއަށް ބަދަލުކޮށް އައު އިންޖީނުގެއިން ކަރަންޓްގެ ޚިދުމަތްދޭންވަނީ ފެށިފައި،" ފެނަކަ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އައު އިންޖީނުގޭގެ ޚިދުމަތް މިއަދު ދޭން ފެށުމުން ބައު އިންޖީނުގޭގައި ދިމާވި ޖާގައިގެ ދަތިކަން ވަނީ ހައްލުވެފައެވެ.
ނަރުދޫގައި ކުރިން ބޭނުންކުރަމުން އައި އިންޖީނުގެއަކީ މީހުން އުޅޭ އަވަށުތެރޭގައި ހުރި ތަނަކަށް ވުމުން ރައްޔިތުންނަށް އެކި ކަހަލަ ދަތިތަކާ ކުރުމަތިލާން ޖެހުނެވެ. އެގޮތުން އަޑުގަދަވުމުގެ އިތުރުން ދުމާއި ޑީސަލްގެ އަސަރުކުރުމުގެ ޝަކުވާތައް އޭރު އައީ ކުރަމުންނެވެ. އެހެނަސް އައު އިންޖީނުގޭގެ ސަބަބުން އެ ޝަކުވާތަކަށް ވަނީ ހައްލު ލިބިފައެވެ. "އިންޖީނުގެއާ އެކު އައު އޮފީސް ބައި ވެސް ވަނީ ބޭނުން ކުރަން ފަށައިފައި. އައު އިންޖީނުގެއާއެކު ރައްޔިތުންނަށް މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ދެވިގެންދާނެ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އައު އިންޖީނުގޭގައި މިހާރު ބޭނުން ކުރަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.