ކަންބޮޑުވާ މިންވަރަކަށް އިންފްލުއެންޒާ ފެތުރެމުން އަންނަ ކަމަށާއި އާއްމުންނަށް އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިންފްލުއެންޒާ އައުޓް ބްރޭކެއް އަތުވާދާނެ ކަމަށް ބަލައިގެން ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށެވެ.

އެންމެ ބޮޑަށް އިންފްލުއެންޒާ ފެތުރެމުންދަނީ މާލެ ސަރަހައްދުގައި ކަމަށާއި ދެން އެންމެ ގިނައިން އިންފްލުއެންޒާގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ކ. އަތޮޅާއި އދ. އަތޮޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގދ. އަތޮޅުން އިންފްލުއެންޒާ ގެ ދެ ކޭސް މިހާތަނަށް ފެނިފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޮގަސްޓް މަހުގެ ނިޔަލަށް އިންފްލުއެންޒާ ޕޮޒިޓިވީ ރޭޓް ހުރީ 1 އިންސައްތައިގައެވެ. އެހެންނަމަވެސް، މި ނިމުނު ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ރޭޓް ވަނީ 37 އިންސައްތަ އަށް އިތުރުވެފައެވެ. އަދި މި މަހު ޕޮޒިޓިވިޓީ ރޭޓް ހުރީ 41 އިންސައްތައިގައެވެ.