މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރި ދޫނިތަކުގެ ތެރެއިން ފުލެމިންގޯ ދޫންޏެއް ހިފައި އެ ވިއްކަން ވައިބަރ ގުރޫޕެއްގައި ޖެހި މައްސަލައެއް ތަހުގީގުކޮށްދިނުމަށް އެދި އީޕީއޭއިން ފުލުހަށް ހުށަހަޅައިފިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނައީމް "ހަލި ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލައާމެދު އަޅާނެ ފިޔަވަޅެއް ނިންމާނީ ފުލުހުންގެ ތަހުގީގަށްފަހު ކަމަށެވެ. ފްލެމިންގޯ ދޫނި ހިފައި އެ ވިއްކަން ވައިބަރ ގުރޫޕެއްގައި ޖަހައިފައިވާ އަގަކީ 30،000 ރުފިޔާއެވެ. މީގެ މައްސަލައަކީ އެ ދޫނި ވިއްކަން ޖެހުމެއް ނޫނެވެ. ހިޖުރަކުރި ދޫންޏެއް ހިފުމެވެ. މި ދޫނިތައް ހިޖުރަކޮށްފައިވަނީ އުތުރުގެ ބައެއް ރަށްރަށަށެވެ.

"އަޅުގަނޑުމެންގެ އެދުމުގެ މަޓީން ފުލުހުންގެ ޓީމަކުން މިހާރު ގެންދަނީ ފުލެމިންގޯދޫނި ހިފި މައްސަލަ ތަހުގީގު ކުރަމުން. އަޅާނެ ފިޔަވަޅެއް ނިންމޭނީ ތަހުގީގަށްފަހު. މިފަދަ އަމަލުތައް ކުރާ މީހުން ވަރަށްބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް ވަނީ ލިބިފައި،" ނައީމް ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ މޫސުމީ ދޫނިތަކަށް އަބަދުވެސް ރާއްޖެއިން ހިމާޔަތްދޭން ޖެހެއެވެ. އެގޮތަށް އަންނަ ދޫނި ހިފުމާއި ވިއްކުމާއި ގެންގުޅުމަކީ މަނާކަމެކެވެ. މީގެ ކުރިން ވެސް އީޕީއޭއިން ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ދޫނިތައް ހިފާ މީހުން ބޮޑެތި އަދަދުން ޖޫރިމަނާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. ނައީމް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ރާއްޖެއަށް ދޫނިތައް ޒިޔާރަތްކުރާ ދުވަސްވަރު ކަމަށެވެ. އެކި ފަހަރު އަންނަނީ އެކިވައްތަރުގެ ދޫނިތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިފަހަރު ހިޖުރަކުރި ދޫނިތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަ ކުރެވިފައިވަނީ މިފްލެމިންގޯއެވެ. ވައިބަރ ގުރޫޕެއްގައި ވިއްކަން ޖަހައިފައިވަނީ އެތަނުން ފުލެމިންގޯއެކެވެ. ނައީމް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ދޫނިތައް ހިފައި އެއަށް ގޯނާ ކުރުމަކީ ގާނޫނީ ގޮތުން ވެސް މަނާ ކަމެއް ކަމަށެވެ. އެހެން ކަމުން އެފަދަ ދޫނި ހިފާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންނާ ދެކޮޅަށް ވެސް އީޕީއޭއީން ފިޔަވަޅު އަޅާނެއެވެ.

ނައީމް ވިދާޅުވީ ފަހަކަށް އައިސް ބޭރުން ރާއްޖެއަށް ޒިޔާރަތްކުރާ ދޫނިތަކުގެ އަދަދު މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.