ހަތްހާސް ފުލެޓް ހިމެނޭ، "ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި އިތުރު ފަރާތްތަކެއްގެ ނަންތައް ހިމެނޭ ދެވަނަ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފިއެވެ.
ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެއެވެ.
އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ) ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅޭ ފަރާތްތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުވެސް ރައީސް އޮފީހުން ވަނީ އާއްމު ކޮށްފައެވެ.
އެ އޮފީހުން މިއަދު ނެރުނު ލިސްޓަކީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކުރިއަށްގެންދާ ވެރިފައިކުރުމުގެ ޕްރޮސެސްގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާތީ، ނުގުޅޭ ފަރާތްތަކުގެ "ލިސްޓު 2" ގެ ގޮތުގައި ނެރުނު ލިސްޓެކެވެ.
މި ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ގެޒެޓް ވެސް ކޮށްފައެވެ.
މިއަދު ޢާންމުކުރެވުނު ލިސްޓު2 ގައި ހިމެނޭ ފަރާތްތަކުން ވެސް 2020 ނޮވެންބަރު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފުލެޓް ކޮމިޓީން އެދޭކަމަށް ރައީސް އޮފީހުން ވަޏީ ބުނެފައެވެ.