ކޮވިޑުގެ ހީނަރުކަމުން އެހާ އަވަހަށް އަރައިގަނެވޭނެ ކަމުގެ އިޝާރާތެއް ނުފެންނަކަމަށް އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ ވަރލްޑް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަމުން ނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ 8 ވަނަ ވަރލްޑް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މިއަދުގެ މި ޙަފްލާ އިންތިޒާމު ކޮށްދެއްވި ކަމަށްޓަކައި، ޔޫ.އެން.ސީ.ޓީ.އޭ.ޑީ.އަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ މިއަހަރުގެ ޝިއާރު "ދެމެހެއްޓެނިވި ގޮތެއްގައި ހީނަރުކަމުން އަރައިގަތުމަށް އިންވެސްޓްކުރުން"، މި ޝިއާރަކީ މިހާރަށް އެންމެ އެކަށީގެންވާ ޝިއާރު ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އިން އަރައިގަތުމުގެ ދިގު ރާސްތާގެ ފެށުން މުޅި ދުނިޔެ އިން ވެސް ފަށާފައިމިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ވެސް ކުރިމަތިލަމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެެވެ. އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އުދަގޫތަކެއް ކުރިމަތިވެފައިވާ ޤައުމުތަކަށް މި ބަލިމަޑުކަން ވެގެން ދިޔައީ ވަރަށް ބޮޑު ހީނަރުކަމަކަށްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ވެކްސިންގެ ދިނުމުގައި އުނދަގޫތަކެއް ހުރުމާއިއެކު މި ބަލިމަޑުކަން އިތުރަށް ދިގުލައި، ދަރަންޏާއި އެހެނިހެން ހުރަސްތަކެއް ހުރުމުގެ ސަބަބުން ޚާއްޞަ ޙާލަތްތަކުގައި އޮތް ގައުމުތަކުގެ މެދުގައި ކުރިއެރުންތައް ހިފެހެއްޓިފައި އޮތުމުގެ ސަބަބުން، ރިކަވަރީ ގެ މަސައްކަތް ޙަޤީޤަތުގައި ފެށުމުގެ ކުރިންވެސް ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.
މި ފޯރަމްގައި ޙައްލުކުރަންޖެހޭ ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ހުރި ހުރަސްތައް އެންމެ ފުރިހަމަގޮތުގައި ނައްތާލައި، ދެމެހެއްޓެނިވި ގޮތެއްގައި މި ހީނަރުކަމުން އަރައިގަނެވޭނެގޮތް މަގުފަހިކޮށްދޭނީ ކިހިނެއްތޯ؟ މިނިސްޓަރ ޝާހިދު ވަނީ ސުވާލު ކުރައްވާފަ އެވެ.