އިންޑިއާއާއި އިޒްރޭލާއި އެމެރިކާއާއި ޔޫއޭއީން ދަތުރުފަތުރާއި އުމުރާނީ ތަރައްގީއާއި ޓެކްނޮލޮޖީއާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާ ބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެއެވެ. މި ގައުމުތަކުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި މަޝްވަރާތައް ބޭއްވުމަށްވެސް އެއްބަސްވެފައި ވެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖަޔަޝަންކަރު އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ކާމިޔާބު މަޝްވަރާތައް އިޒްރޭލާއެކު ބާއްވަވާފައި ވެއެވެ. އަދި އިޒްރޭލން ވަނީ އިންޑިއާ އިޒްރޭލުގެ ގުޅުން ބަދަހި ކުރުމަށާއި މި ގުޅުން ކުރިއަށްދާ ގޮތާމެދު ތަޢުރީފް ކޮށްފައެވެ.
މިހަތަރުގައުމުގެ ޚާރިޖީ ވަޒިރުން ބާއްވަވާފައިވާ މަޖާޒީ ބައްދަލުކުރެއްވުމުގައި އިޒްރޭލުގެ ޚާރިޖީ ވަޒީރު ޔާއީރު ލިޕިޑް ވަނީ ސަރުކާރާއި ސރުކާރުގެ ގުޅުން ފަހަނައަޅައި ގޮސް ކޮންމެ ގައުމެއްގެވެސް ވިޔަފާރިތައް އަނެއް ގައުމެއްގެ ވިޔަފާރިއާ ބަދަހި ގުޅުމެއް ބޭއްވުމުން މި މަސައްކަތް ކާމިޔާބު ވާނެކަމަށް ވިދާޅުވެފައެވެ.
ޖަޔަޝަންކަރު ވިދާޅުވިގޮތުގައި ވިޔަފާރީގެ ގޮތުން އިންޑިއާއާއި އެންމެ ގާތް ތިން ގައުމަކީ، އެމެރިކާއާއި އިޒްރޭލާއި ޔޫއޭއީއެވެ.
މިތިން ގައުމުގެ ޚާރިޖީ ވަޒީރުން އެއްބަސްވެ ވަޑައިގެންފައިވަނީ މި މަޝްވަރާތައް ކުރިއަށް ގެންގޮސް މިއަށް އަމަލީ ސިފައެއް ޖެއްސުމަށްޓަކައި ކޮންމެ ގައުމަކުންވެސް މަތީފެންވަރުގެ ހުނަރުވެރި މަސްއޫލުވެރިއެއް މިމަސައްކަތަށް އައްޔަން ކުރާށެވެ.