ހެދުން، ބުރުގާފަދަ އަންނައުނު ރީތިކޮށް ޒީނަތްތެރިކުރުމަށްޓަކައި ގިނަ މީހުން ވެލިފޮތި ޖަހާ ހަދައެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ހެދުންތައް ޒީނަތްތެރިކުރުމަށް ވެލިފޮތިން ޑިޒައިންކޮށް ކުރެހުން އަޅައެވެ. ތެދެކެވެ. ކުލަކުލައިގެ ވެލިފޮތިތައް ތަތްކޮށް ޖަރީކޮށްލުމުން ހެދުން ނިކަން ރީއްޗެވެ. ދަޅަ އަރައެވެ. ނަމަވެސް މި ތުނި ހުޅުނބުފަތެއްފަދަ ޕްލާސްޓިކުން ލިބޭ ގެއްލުމާމެދު ވިސްނާ ލެވޭހެއްޔެވެ؟

ވެލިފޮތްޗަކީ އެތައް ސަތޭކަ އަހަރެންވަންދެން ހަލާކުނުވެ ހުންނަ ޕްލާސްޓިކްގެ ބާވަތަކެވެ. އަހަރެމެންގެ އަންނައުނު ދޮންނަނީ މަޝިނުންނެވެ. ވެލިފޮއްޗަކީ ފަސޭހައިން ނެއްޓޭ އެއްޗަކަށްވުމުން ހެދުން ދޮންނަ ކޮންމެފަހަރަކު މި ތަތްކޮށްފާހުންނަވެލި ފޮތިތައް ނެއްޓެމުން ދެއެވެ. އަދި ފެނާއެކު މިތަކެތި ހޮޅިތަކުން ބޭރުވަނީ މޫދަށެވެ. ކަނޑަށެވެ. އަދި ހެދުމުން މި ތަކެތި ބިންމައްޗަށް ވެއްޓޭއިރު ނުވެސް އެނގެއެވެ. އެއަށްފަހު އެ ވެއްޓޭ ވަލިފޮތިތަކަށް ވާނީ ކިހިނެއްހެއްޔެވެ؟ އެތަކެތި ދާނީ ކޮންތާކަށް ހެއްޔެވެ؟

އަހަރެމެންގެ މި ގައުމުގެ ވަށައިގެން މިވަނީ މޫދާއި ކަނޑެވެ. ބިމުގެ ސަތަހަ އަށްވުރެ ބޮޑީ ކަނޑެވެ. ވީއިރު އެ ތަކެތި އެކި ގޮތްގޮތަށް ވަޔާނުވަތަ ކުނީގެ ގޮތުގައި މޫދަށް ދެއެވެ.

ވެލިފޮތްޗަކީ ކުލަ އަރާ ވިދުމެއް ހުންނަ އެއްޗަކަށްވުމުން ވަރަށް ފަސޭހައިން މަސްތަކަށް އެ ފެނި ކާލައެވެ. ވިސްނާލަބަލާށެވެ. އަހަރެމެންގެ ކާނާގެ މައިގަނޑު އެއްޗަކީ ކަނޑުފަޅުތަކުން ބާނާ މަހެވެ.

އެއްކަލަ ޕްލާސްޓިކު ވެލިފޮތި ކެއި މަސް މި ކެވެނީ ހަމަ އަހަރެމެނަށެވެ. އޭގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ޕްލާސްޓިކުގެ ވިހައިގެ އަސަރުކުރެއެވެ. ފުއްޕާމެއަށް އެކަމުން އަސަރުކުރެއެވެ.

ކެނެޑާގެ ސައިންޓް މޭރީސް ޔުނިވަރސިޓީ ގެ ޕްރޮފެސަރ އަދި ސުކޫލު އޮފް އެންވަޔަރމަންޓްގެ ޑިރެކްޓަރ ޑޮކްޓަރ ލިންޑާ ކޭމްޕްބެލް ހާމަކުރިގޮތުގައި ވެލި ފޮތިފަދަ ހަލާކުނުވާ ޒާތުގެ ޕްލާސްޓިކުން އަހަރެމެމެންގެ ވަށައިގެންވާ ދިރުމަށް އެންމެ ހާމަކަން ބޮޑުގޮތެއްގައި އަސަރުކުރާކަން އެނގޭނީ މޫދަށް މި ބޭރުވާ ތަކެތީންނެވެ. އެއީ ވެލި ފޮތްޗަކީ ވިދުން ހުންނަ އެއްޗަކަށްވުމުން ކުދިމަސްތައް ފަސޭހައިން އެ ތަކެތި ކައެވެ. އަދި އޭގެ ވިހައިގެ ސަބަބުން އެ މަސްތައް މަރުވެއެވެ. ނުވަތަ ބަލިވެ އެވެ. ދެން އެމަސްތައް ކައި އުޅޭ ބޮޑެތި މަސްތަކަށްވެސް މި ވިހައިގެ އަސަރުކުރެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ފުރާނައަށް ނުރައްކާ ވާ ބަލި ޖެހޭ މީހުންގެ އަދަދުވަނީ ގިނަވެފައެވެ. ފުއްޕާމޭގެ ބަލިތަކާ ކެންސަރާ ކިޑްނީ ފެއިލްވުން ފަދަ ބަލިތަކެވެ. މި ބަލިތައް ޖެހެނީ ވަކި މިވޔަނި ކަމެއްވެގެންނޭ ބުނަން ޑޮކުޓަރުންނަށްވެސް ނޭނގެއެވެ. އެހެންކަމުން އަހަރެމެން އިންސާނުން މަސައްކައްކުރަންވީ އަހަރެމެންގެ ހަށިގަނޑަށް ގެއްލުންވާފަދަ ޒާތްޒާތުގެ ތަކެތި މި މާހައުލުން އެއްކިބާ ކުރުމަށެވެ. އަހަރެމެންގެ ހަށިގަނޑަށް ވިހައިގެ ބާވަތްތައް ވަންނާނެ ދޮރުތައް ބަންދުކުރުމަށެވެ.

ވީމާ ހެދުން ޒީނަތްތެރިކުރުމަށް މި ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ބަދަލުގައި އެހެން ގޮތަކުން އެހެދުން ޖަރީ ކޮށް ރީތި ކުރެވޭނެ ގޮތެއް ބަލަންވީއެވެ. އީޖާދުކުރަންވީއެވެ. އަހަރެމެންނާއި މި މާހައުލުގައިވާ ދިރުން ތަކަށް ގެއްލުންނުވާނެ ތަކެތީންނެވެ.