ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި އެވެ.

އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ ރޭ ގެ ވަގުތެއްގަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، އަދި ހިމަންދޫ އަށް ވަނީ ވަޑައިގެންފަ އެެވެ. މި ދަތުރުފުޅުގައި އެ ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން އއ އަތޮޅު އަތޮޅު ކައުންސިލް މެންބަރުނާ ވެސް ބައްދަލުކުރައްވާފައިވާ އިރު، މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސްއާ ޙިއްޞާކުރައްވާފަ އެވެ.

ރައީސް ސާލިހުގެ މި ދަތުރުފުޅުގައި އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާއި، ގެސްޓް ހައުސް ހިންގާފަރާތްތަކާއި ބައްދަލުކުރައްވާފައިވާ އިރު، އެމަނިކުފާނު ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި އެރަށުގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައް ވެސް ބައްލަވާލައްވާފަ އެވެ.

މީގެ އިތުރުން ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާ، އެޑިއުކޭޝަން މިނިސްޓްރީން ޒަމާނީ ފެންވަރަށް އެރަށުގައި ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް ވަނީ ރަސްމީގޮތުން ހުޅުއްވައި ދެއްވާފަ އެވެ. އަދި ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ވެސް ރައީސް ވަނީ ބައްލަވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރަސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އެ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވެސް ވަނީ ބައްލަވާލައްވާފަ އެވެ. އަދި ރަސްދޫގައި ގިރާ ސަރަޙައްދަށް ވަޑައިގެން އެތަން ވެސް ވަނީ ރައީސް ބައްލަވާލައްވާފަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އެރަށުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވާފައިވެއެވެ. އަދި އުކުޅަހު ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވުމަށް ފަހު، އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ.

އެއަތޮޅު މަތިވެރިއަށް ޒިޔާރާތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އެރަށުގެ ހެލްތް ސެންޓަރަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އަދި ބޮޑުފޮޅުދޫއަށް ވަޑައިގެން އެރަށުގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ، އެމަނިކުފާނު ވަނީ އެރަށުގެ މިސްކިތް ހުޅުއްވާދެއްވާފަ އެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ގޮނޑުދޮށަށް ޒިޔާރަތްކުރައްވައި ގިރާ ސަރަޙައްދު ބައްލަވާލައްވާފަ އެވެ. އަދި އެރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އެތަނުގެ ޙާލަތު ވެސް ވަނީ ބައްލަވައިލައްވާފަ އެވެ.

މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ހިމަންދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.