އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް 0-1 އިން ކުރި ހޯދައި، އޮލަގުނަ ސޯލްޝެއާ މެން.ޔުނައިޓެޑަށް އިރުޝާދުދިން ސަތޭކަ ވަނަ މެޗް އާސެނަލްއިން މިރޭ ހަރާބު ކޮށްލައިފިއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޕިއެރީ އެމެރިކް އަބްމަންޔަންގެވެ. މެން.ޔުނައިޓެޑުގެ އޯލްޑްޓެފޯޑުގައި އިނގިރޭސި ލީގް މެޗެއްގައި އާސެނަލް އެންމެފަހުން މޮޅުވެފައި ވަނީ 2006 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެންމެފަހުން މެން.ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 5 މެޗުންވެސް އާސެނަލް ބަލިވެފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މިރޭގެ މެޗަށް އާސެނަލްއިން ނިކުތީ އެންމެފަހުން ޔުރޮޕާ ލީގުގައި ޑުންޑަލްކް އަތުން 3-0 އިން މޮޅުވި މެޗަށް ނެރުނު ފުރަތަމަ އެގާރައަށް ދިހަ ބަދަލު ގެނެސްގެންނެވެ. ބަދަލު ނުކުރަނީ މިސްރުގެ މިޑްފީލްޑަރު އެލްނެނީ އެކަންޏެއެވެ. މެން.ޔުނައިޓެޑުން ނިކުތީ އެންމެފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ލައިޕްޒީގް އަތުން 5-0 އިން މޮޅުވި މެޗުގައި ރަގަޅު ކުޅުމެއް ދެއްކި ހޮލެންޑުގެ މިޑްފީލްޑަރު ވަންޑަބީކް ބެންޗުގައި ބަހައްޓައިގެންނެވެ.
ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަބްމަޔަންގަށެވެ. އަރިމަތިން މެން.ޔުނައިޓެޑުގެ ގޯލު ކުރިމައްޗަށް ޑިފެންޑަރު ހެކްޓަރ ބެލަރިން ހުރަސްކުރި ބޯޅަ ދިޔައީ އަބްމަޔަންގް ފައިގައި ލައްވައި ނުލައެވެ. ދެވަނަ ހާފުގައި އާސެނަލްއިން ލީޑް ނެގުމާއެކު މެން.ޔުނައިޓެޑުން ވަނީ ތަޖުރިބާކާރު ފޯވާޑް އުރުގުއޭގެ އެޑިސަން ކަވާނީ އާއި ވެންޑަބީކް ކުޅެން އަރުވާފައެވެ. އާސެނަލްގެ ކޯޗް މައިކަލް އާޓެޓާ މެޗުގެ ފަހު ދިހަވަރަކަށް މިނެޓް އިސްކަން ދީފައި ވަނީ ޓީމެއްގެ ގޮތުގައި ޑިފެންސް ކުރުމަށެވެ.
މިއީ 73-1972 ސީޒަނަށްފަހު ލީގުގައި އަމިއްލަ ދަނޑުގައި މޮޅުނުވެވި ޖެހިޖެހިގެން މެން.ޔުނައިޓެޑުން ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ.
މެން.ޔުނައިޓެޑުގެ ކޯޗް ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެޓީމުން 55 މެޗް ވަނީ މިހާތަނަށް ކާމިޔާބު ކޮށްފައެވެ. 21 މެޗުން އެއްވަރުވެފައިވާއިރު ބަލިވެފައި ވަނީ 24 މެޗުންނެވެ. މިއީ މެން.ޔުނައިޓެޑުގެ ތާރިހުގައި އެކްލަބުދުށް އެންމެ މޮޅު ކޯޗް ސަރ އެލެކްސް ފާގަސަންގެ ފުރަތަމަ 100 މެޗުގައި ހޯދި ނަތީޖާތަކަށްވުރެ ރަގަޅު ނަތީޖާތަކެކެވެ. ފާގަސަންގެ ފުރަތަމަ ސަތޭކަ މެޗުގެ ތެރެއިން މޮޅުވެވުނީ 48 މެޗުންނެވެ. 21 މެޗުން ބަލިވިއިރު 31 މެޗް ނިމުނީ އެއްވަރު ވެގެންނެވެ. މެން.ޔުނައިޓެޑުގެ ކޯޗް ކަމުގައި ހޭދަކުރި ފުރަތަމަ ސަތޭކަ މެޗުގައި އެންމެ ރަގަޅު ނަތީޖާތަކެއް ހޯދާފައި ވަނީ މިހާރު ޓޮޓެންހަމްއަށް އިރުޝާދު ދެމުން އަންނަ ހޯސޭ މޮރީނިއޯއެވެ. މޮރީނިއޯގެ ފުރަތަމަ ސަތޭކަ މެޗުގައި މެން.ޔުނައިޓެޑުން 62 މެޗް ކާމިޔާބު ކުރިއެވެ. ތޭވިސް މެޗުން އެއްވަރުވިއިރު ބަލިވެފައި ވަނީ އެންމެ 15 މެޗުންނެވެ.
މެން.ޔުނައިޓެޑުގެ މައްޗަށް ހޯދި މޮޅާއެކު އާސެނަލް ވަނީ 12 ޕޮއިންޓް ހަމަކޮށް ތާވަލުގެ އަށްވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ. މެން.ޔުނައިޓެޑް 15 ވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ.