ބޮޑުވަމުން އަންނަ ކުދިންނަށް ސިއްޙަތަށް ފައިދާހުރި ކާނާ ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންނަމަވެސް މިއީ ގިނަ ފަރާތްތަކަށް ފަސޭހަކަމަކަށްނުވެ އެވެ. ޚާއްޞަކޮށް އަލަތު މައިންބަފައިން ނަށެވެ.

ދަރިން ލުއިކާނާ އާއި ސިއްޙަތަށް ގެއްލުންދޭ ކާނާތަކުން ދުރުކުރުމަށްޓަކައި، ހަށިގަނޑަށް ފައިދާހުރި ކާނާ ދޭ ގޮތް ބަދަލު ކުރަންޖެހެއެވެ. އެއީ ކުދިން އެކާނާ ކާހިތްވާ ކަހަލަ، ޝައުގުވެރިވާނޭ ގޮތަކަށް ބެހެއްޓުމަށް ސަމާލުކަން ދީގެނެވެ.

ފައިދާހުރި ކާނާ އާއި ކާހިތްވާ ކާނާ

އެއްވެސް މީހަކު ކަމެއް ގަދަކަމުން ނުވަތަ މަޖުބޫރުން ކުރާކަށް ނޭދޭނެއެވެ. ޚާއްޞަކޮށް ކުޑަކުދިން ބޮޑުވަމުން އަންނަ އިރު ބޭނުން ނުވާ ކަމެއް ކުރާހިތެއް ނުވާނެއެވެ. ކުދިން ބޭނުންވާނީ އަމިއްލަ މިނިވަންކަމެވެ. އެކުދިން ބޭނުންވާ ކަންތައް ކުރުމުގެ މިނިވަންކަން ލިބުމެވެ. އެގޮތުން ކުދިންނަށް ކާނެ އެއްޗެއް އިޚުތިޔާރުކުރުމަށް ފުރުޞަތު ދޭއިރު އާފަލު ފޮއްޗަކާއި ޕީނަޓުބަޓަރ އަދި އެއްޗެއްލާފަ ހުންނަ ކަދުރު ފަދަ ސިއްޙަތަށް ފައިދާ ކުރާނެ ކާނާ އިޚުތިޔާރު ކުރުމަށް ފުރުޞަތު ދެވިދާނެއެވެ. ސަބަބަކީ އޭރުން ކުދިންނަށް އިޚުތިޔާރު ކުރުމަށް މި ދެވުނީ ސިއްޙަތަށް ފައިދާހުރި ދެ ބާވަތެކެވެ. މިއީ ސިއްޚަތަށް ފައިދާހުރި ކާނާ ކުދިންނަށް ދިނުމަށް ފަށައިގަތުމުގެ ތަޅުދަނޑިކަމުގައި ހެދިދާނެއެވެ.

ކުދިންގެ ކާތަށި ތައްޔާރުކުރުން

ފުރަތަމަ ނުކުތާއަކީ ކުދިން އަމިއްލަ މިނިވަންކަމަށް ލޯބި ކުރާނެކަން ހަނދާން ކުރުމެވެ. އެހެންކަމުން އެކުދިންގެ ކާތަށި އަމިއްލަ އަށް ތައްޔާރުކުރުމަށް ފުރުޞަތު ދެވިދާނެއެވެ. މިގޮތަށް ތަށި ތައްޔާރުކުރުމަށް ފުރުޞަތު ދޭއިރު ސިއްޙަތަށް ފައިދާ ހުރި ކާނާ އިޚުތިޔާރުކުރުމަށް ހަވާލުކުރެވިދާނެއެވެ.

ރަނގަޅުކާނާ އަށް މަގުފަހިކުރުން

ކުޑަކުދިންނަކީ ކެއުމުގައި ވަރަށް އިޚުތިޔާރީ ގޮތްތަކެއް ގެންގުޅޭ ބައެކެވެ. މިގޮތުން އާ ވައްތަރެއްގެ ކާނާއެއްނަމަ، ރަހަބަލާލަންވެސް ބޭނުންނުވާކުދިން ވަރަށް ގިނައެވެ. މިސާލަކަށް މޭވާ ކާން ބޭނުން ނުވާކުއްޖަކަށް އައިސްކްރީމް ފޮދެއް އަޅާފައި ފްރުޓް ސެލެޑް ކޮޅެއް ހަދާފައި ދެވިދާނެއެވެ.

ފައިދާ ވާނެ ލުއިކެއުން

ކުޑަކުދިން އެކުދިންގެ ހަކަތަ ވަރަށް އަވަހަށް ހުސްކޮށްލައެވެ. އަދި ދޭތެރެ ދޭތެރެއިން ކޮންމެވެސް ލުއިކާނާއެއް ކާލަން ބޭނުން ވެއެވެ. އެހެންކަމުން ކާ ގަޑިތަކާއި މާ ކައިރި ނުކޮށް ލުއިކާނާ ދެވިދާނެއެވެ. މިގޮތުން ދޭ ކާނާ އަކީ ކާގަޑިތަކުގައި ކާ ތަކެއްޗަށް ފޫހުނިވާނެ، ހަށިގަނޑަށް ފައިދާހުރި ކާނާއަކަށް ހެދުން މުހިންމެވެ.

ކުދިން ކެއްކުމުގައި ބައިވެރިކުރުން

ކުޑަކުދިން ބައިވެރިވެގެން ކައްކާ ތަކެތި ކެއުމަށް އެކުދިން ވަރަށް ބޮޑަށް ޝައުގުވެރިވާނެއެވެ. އެހެންކަމުން ކުދިން ކެއްކުމުގައި ބައިވެރިކޮށް، އެކުދިންގެ އެހީތެރިކަމާއެކު ކާތަކެތި ތައްޔާރުކުރުމުން ކުދިން އެތަކެތި ކާހިތް ވާނެއެވެ. ދަރިން ކާނާ ތައްޔާރުކުރުމުގައި ބައިވެރި ކުރުމުން އެ ކުދިންނަށް ކަންތައްތައް ދަސްކޮށްދެވުމުގެ އިތުރަށް މައިންބަފައިންނާއެކު ހޭދަކުރެވޭ ވަގުތު އިތުރުވެއެވެ.

މިއީ ކުޑަ ކުދިންނަށް ރަނގަޅު ކާނާ އަށް ފަރިތަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. ވިސްނަންވީ އެންމެ މުހިންމު ކަމަކީ ގަދަކަމުން އެއްވެސް އެއްޗެއް ކާން ނުދިނުމެވެ. ސިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާ ދިނުމަށްޓަކައި ކުދިން ކާހިތްވާކަހަލަ ގޮތްގޮތަށް ތައްޔާރުކުރެވޭތޯ ބެލުމެވެ.

މައުލޫމާތު: ހެންޑީ ޓްރިކްސް.ކޮމް