މިއީ ދިވެހި ރާއްޖޭގައި ޞިއްޙީ ދާއިރާ ހިނގަމުންދާ ގޮތުން ނަމަ ކޮށްލުން ރަނގަޅު ސުވާލެކެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމްޢިއްޔާ އަދި އެންމެންނަށް ވެސް ޤަބޫލް ކުރެވޭ އެއްކަމަކީ އެންމެ ރަނގަޅީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުން ކަމެވެ. ނަމަވެސް ކަން ހިނގަނީ ކިހިނެއްކަމާއި ދިވެހިންގެ ބޭނުންތައް އަންނަ ގޮތަށް ވިސްނާލުން މުހިއްމެވެ. ދިވެހި ރާއްޖޭގެ އާންމު ޞިއްޙަތުގެ ދާއިރާ ވަޅުޖެހިގެންދާ އިރު މިކަމަށް ވިސްނާނެ ބަޔަކު އެބަ ބޭނުންވެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ޑިމާންޑަށް ބަލާނެއެވެ. ކޮންމެ ރަށަކަށް ގޮސް ބޭނުންވަނީ ކޮންކަމެއްތޯ އަހާލުމުން ރައްޔިތުން ބުނަނީ އެމީހުން ބޭނުންވަނީ ޑޮކްޓަރެއް ކަމަށެވެ.

ޞިއްޙީ ދާއިރާގެ ކަންކަން ހިނގާ ގޮތަށް ބަލާ ނަމަ ރައްކާތެރިކަމުގެ މަސައްކަތް ހިންގަނީ އެޗް.ޕީ.އޭ އިންނެވެ. ދެން ސުވާލަކީ ހެލްތު މިނިސްޓަރީ އިން ކުރަނީ ކޮން ކަމެއްތޯއެވެ. މުޅި މިނިސްޓަރީގެ މައިގަނޑު ވިސްނުމަކީ ތަންތަނަށް ޑޮކްޓަރުން ހަމަކުރުމާއި، ތަންތަން ތަރައްގީ ކުރުންފަދަ ކަންކަމެވެ. މާނައަކީ ބަލިވީމައި ބަލިމީހުންނަށް ދޭ ޚިދުމަތާ ގުޅުން ހުރި ކަންކަމެވެ.

ޞިއްޙީ ދާއިރާގެ ބަޖެޓްވެސް ހަމަ މި ގޮތެވެ. މިހެން ކަމުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ވިސްނުން ހުރީ ބަލިވުމުގެ ކުރިން ރައްކާތެރިވުމަކަށް ނޫނެވެ. ރައްކާތެރިވުމަށްވުރެ ބޭސްފަރުވާ މުހިއްމުވާ ގޮތަށެވެ. މިއީ ދިވެހިން އެދެމުން އައި ގޮތަށް ބައްޓަންވި ނިޒާމެކޭ ބުނެވިދާނެއެވެ. ބަދަލުވާންވީ އަހަރެމެންގެ ޑިމާންޑެވެ. އޭރުން ޞިއްޙީ ކަންތައްތައް ބަދަލުވާނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ބޭރަށް ހިންގުން، އަރިދަފުސް ރޯގާ، ހުން ފަދަ އާންމު ބަލިތައް މުޅިގައުމުން ފިލައި ދިޔަ ކަހަލައެވެ. ބައެއް މީހުން ފާހަގަ ކުރާ ގޮތުން ނަމާދުގެ ޖަމާއަތުގައި ވެސް ކެއްސާލާ އަޑެއް ނީވޭތާ އެތަކެއް ދުވަސް ވެއްޖެއެވެ. މިހެން މިކަން މިވަނީ ކީއްވެގެން ހެއްޔެވެ؟ އަތްދޮވުމާއި، މާސްކު އެޅުމާއި އަނގަޔާއި، ނޭފަތް އަދި ލޮލުގައި އަތްލުން ހުއްޓުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުގެ ސަބަބުން ބަލިތަކަށް ވާގޮތް މިފަހަރު އެންމެންނަށްވެސް ސާބިތުވެއްޖެއެވެ.

ސުވާލަކީ ޕަބްލިކް ހެލްތު ނުވަތަ އާއްމު ޞިއްޙަތުގެ ދާއިރާ ކުރިއެރުވުމުން ޤައުމަށް ވާނީ ފައިދާހޭ ނުވަތަ ގެއްލުންހޭ؟ ސުވާލަކީ އާއްމު ޞިއްޙަތުގެ ދާއިރާ ކުރިއަރުވައިފިނަމަ ސިޔާސީ މީހުންގެ ޖީބަށާއި ކުލިނިކް ފަދަ ތަންތަން ހިންގާ މީހުންނާއި މެޑިކަލް އިކުއިޕްމެންޓުގެ ވިޔަފާރި ކުރާ މީހުންނަށް ލިބޭނީ ފައިދާހޭ ނޫންހޭ؟