އަންނަ އަހަރުގެ މާޗް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ބޮޑުތަނުން ނޫނެކޭ ބުނުމަށް، އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާ އެންމެ އަރިސްކޮށް އުޅުނު، އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެދިއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރުމާ ގުޅިގެން، އެމްޑީޕީގެ މާލޭ ސިޓީގެ ދާއިރާގެ ރައީސުންނާއި، ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު އާއި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ރޭ ބައްދަލު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން، ޝުއައުބު ބުނެފައި ވަނީ އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުތަނުން އެމްޑީޕީއަށް ނޫނެކޭ ބުނުން ވާޖިބު ވެއްޖެ ކަމަށެވެ.
"އެއީ މާލޭ ރައްޔިތުންގެ ދަރިންނާއި ދަރިންގެ ހައްގުގައި ނޯ ގޯތި ނޯ ވޯޓު" ޝުއައިބު ބުނެފައިވެއެެވެ.
އެމްޑީޕީގެ ފިޔަވަޅު އަލާ ކޮމިޓީގެ މުގައްރިރު ކަމުންނާއި، އެ ކޮމިޓީގެ މެންބަރުކަމުން ޝުއައުބު ވަކިކޮށްފައި ވަނީވެސް ރައީސް ނަޝިދާ ޖެހުނު މައްސަލަގަނޑެއްގެ ތެރެއިންނެވެ.
ޝުއައިބު އެ ކޮމިޓީގެ ނައިބު މުގައްރިރު ކަމުންނާއި، އެ ކޮމިޓީގެ މެންބަރުކަމުން ވަކި ކުރީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރު ކުރެއްވުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފާޅުގައި ފާޑުވިދާޅުވެ އެ މައްސަލައިގައި އުސޫލާ ހިލާފަށް އެމްޑީޕީގެ ވަސީލަތްތައް ނާޖާއިޒް ގޮތުގައި ބޭނުން ކުރައްވައިގެން ރައީސް ނަޝީދު ބާރު ފޯރުވަން މައްސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އެދިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފައި ވަނިކޮންނެވެ.
އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ޝުއައިބު ސިޓީއެއް ފޮނުވިއެވެ.
އެކަންކަމާ ގުޅިގެން ޝުއަިއބު އެ ކޮމިޓީން ވަކި ކުރުމާއި ގުޅިގެން އޭނާ ތަކުރާރު ކޮށް އަންނަނީ ރައީސް ނަޝީދަށް ފާޑު ކިޔަމުންނެވެ.