މި އަހަރުގެ ޒުވާނުންގެ އެވޯޑް ދިހަ ޒުވާނަކަށް ދީފިއެވެ. މި އެވޯޑު ދީފައިވަނީ މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ.

އެ ޒުވާނުންނާ އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މި އަހަރުގެ އެވޯޑު ދީފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި، ވިޔަފާރިއާއި އިގްތިސާދާއި، ކުޅިވަރުގެ ދާއިރާއާއި އާޓާއި ފަންނުވެރިކަމާއި ތިމާވެށީގެ ދާއިރާއި ނުކުޅެދުންތެރިިކަން ހުންނަ މީހުން ބާރުވެރި ކުރަން މަސައްކަތް ކުރުމުގެ ދާއިރާއި ބަހާއި ސަގާފާތުގެ ދާއިރާއިންނެވެ.

މަސްވެރިކަމުގެ ދާއިރާއިން އެވޯޑު ހާސިލް ކުރީ ލ. ގަން، ގުރުވަ، ޢަބްދުﷲ ޔަމާނެވެ.

ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑު ހާސިލްކުރީ، ކުޅުދުއްފުށީ، ޕާކު، ޢަފާ ޙުސައިނެވެ.

ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން އެވޯޑު ހޯދީ ވ. ކެޔޮދޫ، ތިބްރޯޒުގޭ އަޙްމަދު ޢަބްދުލްކަރީމެވެ.

ދަރުމައަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑު ހޯދީ ކުޅުދުއްފުށީ، ޓޯޓަލްގޭ ޢާއިޝަތު ޠާއިފާއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން އެވޯޑު ހޯދީ އއ. ތޮއްޑޫ، މިލާޒް، ޢަލީ ފަވާޒެވެ.

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެވޯޑު ހޯދީ، ހއ. އުލިގަން، ފަހިވާ، އަރުޝަދު އަޙްމާދެވެ.

ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑު ހޯދީ، މާލެސިޓީ، މ.މިޓްރީޕާކް، ޙަސަން ފަރުޙާން މުޙައްމަދެވެ.

ދިވެހިބަހާއި ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން އެވޯޑު ހޯދީ، ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަޙްމަދު ނިޒާރެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ދާއިރާއިން އެވޯޑު ހާސިލްކުރީ ދަފްތަރު ނަންބަރު ރސ 4356، މަރިޔަމް ސަހުދާ އެވެ.

އާރޓާއި ފަންނުވެރިކަމުގެ ދާއިރާއިން އެވޯޑު ހާސިލް ކުރީ، ކުޅުދުއްފުށި ސިޓީ، ކޯނަރ، ނާޒިމް ޙަސަނެވެ.

މި އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.