އިއްޒާ އަހުމަދު ނިޒާރުގެ (އިއްޒާ) ޅެންވެރިކަމުގެ ކޮންމެ އެތުރުމަކާއި ގެތުމެއް އެހާ ހިތްގައިމެވެ. ލޮލަށް ވެއްޓުނަސް ނޭނގޭހާ ހިމުން ވެސް މެއެވެ. އިއްޒާއަކީ ކޮންމެ މައުޟޫއަކަށް ވެސް ފަސޭހަކަމާއެކު ޅެން ހަދާ ޒުވާނެކެވެ. ކިތަންމެ ދަތި މައުޟޫއަކަށް ވިޔަސް އޭނާގެ ގަލަމުން ކިޔަމަންކޮށްލަނީ ނުހަނު ފަސޭހަކަމާއެކުގައެވެ.
އޭނާގެ ޅެންތަކުގައި އަޅުވާފައި ހުންނަ ފޭރާން ހިތްގައިމުވެފައި އެހާމެ ރީއްޗެވެ. އެހާމެ މުއްސަންޖެވެ. މި ސަބަބުތަކަށްޓަކައި، ކުރިއަރަމުން އަންނަ ޒުވާން ޅެންވެރީންގެ ތެރެއިން އެއްވަނާގައި އޭނާގެ ނަން ގުނައިލެވޭނެއެވެ. އޭނާ ހަމައެކަނި ޅެން ހަދަނީއެއް ނޫނެނެވެ. އެހެން މީހުންނަށް އެ ހުނަރު ދަސްކޮށް ވެސް ދެއެވެ.
މިއީ ދިވެހިބަހާއި ސަގާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން މިއަހަރު ޒުވާނުންގެ އެވޯޑު ޙާސިލްކުރި އިއްޒާ އަޙްމަދު ނިޒާރުގެ ވާހަކައެވެ. ތިޔަ ހޯދި އިނާމަށްޓަކައި މަރުހަބާއާއި އުފާވެރިކަން ހުއްޓެވެ. އިއްޒާގެ މަސައްކަތަށް ތައުރީފު ހުއްޓެވެ.
އޭނާގެ ވާހަކަ މިހިސާބުން ނިންމައިލެވޭކަށްނެތެވެ. ހދ. މަކުނުދުއަށް އުފަން މި ޅެންވެރިޔާ ވަނީ 800 އަށްވުރެ ގިނަ މީހުންނަށް ޅެންހަދަން ދަސްކޮށްދީފައެވެ. އޭނާގެ ހުރިހާ ކަމެއް ގުޅިފައިވަނީ ޅެންވެރިކަމާއެވެ. ޅެންވެރިކަމުން އޭނާއަށް ލިބޭ އެންމެބޮ އެއް ހިތްހަމަޖެހުމަކީ އޭނާގެ ޅެންތަކުން މީހުންނަށް އުފާވެރިކަން ލިބޭތިއެވެ.
ޅެންވެރިކަމުގެ ދޮރާށީން އޭނާ ވަދެގެން އައީ ހިތްވަރާއެކު އެކަނިމާ އެކަންޏެވެ. އެހެނަސް އޭނާ ވަށައިގެން އެތައް ބަޔަކު މިހާރު އެބަތިއްބެވެ. އޭނާގެ ގަލަމުން ވިިރުވާއަޅައިލާ ޅެންތަކުގެ އަސަރުގައިޖެހިފައެވެ. އޭނާގެ ޅެންތަކުން ހިއްސުތަކާ ކުޅެލައެވެ. މާޔޫސްވެފައިވާ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ. ކުނިޖެހިފައިވާ ގުޅުންތައް ގުޅުވައިދީ އަލުން އާރޯކަމާއި ތާޒާކަން ގެނެސްދެއެވެ. ޅެންވެރިޔާގެ ކުޅަދާނަކަމުގެ ބޮޑު ކަމާއެވެ!
އިއްޒާގެ ޅެންފޮތެއް ޗާޕުކޮށްގެން ދިވެހިބަހުގެ އެކެޑެމީން ވަނީ ނެރެފައެވެ. މިއީ ޒުވާން އުމުރުގައި އިއްޒާއަށް ލިބިގެންދިޔަ ޝަރަފެކެވެ. ބޮޑުކުރިއެރުމެކެވެ. އިއްޒާ އަހުމަދު ނިޒާރުގެ އަދަބީ މި މަސައްކަތަށް އޮތީ ފާގަތިކަމާއި ކުރިއެރުމެވެ. މި މަސައްކަތް "މަރުުވާކަށް" އޭނާގެ ހިތެއް ނޭދެއެވެ. އޭނާގެ މަސައްކަތުގެ އަގު އަދަބިއްޔާތަށް ލޯބިކުރާ އެންމެން ބަަލައިގަންނާނެއެވެ. ދިވެހި އަދަބަށްޓަކައެވެ.
ޒުވާން މި ޝާއިރާގެ މަސައްކަތުގެ އަގަކަށް "ޒުވާނުންގެ އެވޯޑު" އިން ފުއްދައިލަންވީ ހެއްޔެވެ؟ އިތުރަށް ކޮށްދެވޭނީ ކޮންކަމެއްހެއްޔެވެ؟ މިއީ ޖަވާބު ބޭނުންވާ ދެ ސުވާލެެކެވެ. މި ސުވާލުތަކަށް އިއްޒާވެސް ސީދާ ޖަވާބެއް ނުދެއެވެ. އޭނާ ބުނީ މިހެންނެވެ. "މި އެވޯޑަކީ ޅެންވެރިކަމުގައި ކުރިއަަށްދިއުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް. މި އެވޯޑުން ދިން މެސެޖަކީ އިތުރަށް މަސައްކަތްކުރަންވީ ވަގުތު އަތުވެއްޖެކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ އިތުރަށް މަސައްކަތްކުރުމުގެ އަޒުމުގައި،"
މިފަދަ ޝަރަފުވެރި އެވޯޑަކާއެކު ވެސް އިއްޒާގެ ހިތަށް ނުތަނަވަސްކަމެއް އެބަ ވެރިވެއެވެ. ދިވެހި އަދަބީ ބަގީޗާއަށް ފަޅުކަމާއި ހުސްކަން އަތުވެދާނޭ ކަމުގެ ބިރު އޭނާގެ ހިތުގައި އެބަ ވިކައެވެ. އެބަ ތަދުކުރެއެވެ. އެހެން އެވަނީ ކީއްވެހެއްޔެވެ؟ އިއްޒާ ބުނަނީ މަދަރުސާތަކުގެ ގިނަ ދަރިވަރުންގެ ހިތްތަކުގައި ދިވެހި އަދަބިއްޔާތަށް އޮންނަ ޝައުގުވެރިކަން ކުޑަވަމުން އަންނަ ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބުންޏެވެ. ކުދިންގެ ހިތްތަކުގައި ދިވެހި އަދަބިއްޔާތަށް ޝައުގު އުފައްދަންވީ މަދަރުސާތަކުންނެވެ. ޓީޗަރުންނެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުންނެވެ.
މަދަރުސާތަކުގައި އަދަބީ އީދުތައް އަލުން ފަށަން ވެއްޖެއެވެ. ޅެންހެދުމުގެ މުބާރާތްތައް ބާއްވަން ވެއްޖެއެވެ. ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯސްތައް އިތުރުކުރަން ވެއްޖެއެވެ. އިންޓަރ ހައުސް އަދި އިންޓަރ ސްކޫލް ފެންވަރުގައި އަދަބީ މުބާރާތްތައް ބާއްވަން ވެއްޖެއެވެ. ޅެންވެރީންނާއެކު ހަވީރުކުރުން ބާއްވަންވީއެވެ. ބައިތުބާޒީއާއި ލަވަބާޒީ ވެސް އަލުން ފަށަންވީއެވެ. އެހެން ނޫންނަމަ އިއްޒާ ފަދަ ޅެންވެރީން އުފެދުން މަދުވެދާނެއެވެ.
އިއްޒާއެވެ. އަދަބިއްޔާތަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައެވެ. ތިޔަފަދަ ގާބިލް ޒުވާނުން ތިބިހާ ހިނދަކު ދިވެހި އަދަބީ ޗަމަނުގައި ފަރިވެފޮޅޭ މާމެލާމެެލީގެ ވަސްމީރުކަން ފިލައިގެން ނުދާނެއެވެ.