މިއަދު ހެނދުނު ހުޅުމާލޭގައި ޕްރީސުކޫލެއް ހުޅުވައިފިއެވެ. "މުޙައްމަދު ޤާސިމް ޕްރީސުކޫލު" ރަސްމީކޮށް ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިއީ މއ. ފިތުރޯނުގޭ އަލީ ފިރާގު އެނާގެ ބައްޕަގެ ހަދާނުގައި އިމާރާތްކޮށް، ސަރުކާރަށް ހަދިޔާކޮށްފައިވާ ސުކޫލެކެވެ. "މުޙައްމަދު ޤާސިމް ޕްރީސްކޫލް" ގައި 10 ކިލާސްރޫމާއި، ހޯލަކާއި، ކޮމްޕިއުޓަރ ރޫމަކާއި ހެލްތު ރޫމަކާއި ކައުންސިލަރ ރޫމަކާއި ސްޓާފްރޫމެއް ހިމެނެއެވެ. މީގެ އިތުރުން އިދާރީ ހިންގުމަށް ބޭނުންވާ ޖަގަހަތައް ވެސް އެކުލެވިގެންވެއެވެ. މި ސުކޫލު ސަރުކާރާ ހަވާލުކޮށްފައިވަނީ ސުކޫލު ހޯލު ފިޔަވައި ހުރިހާ ތަނެއް އެއަރކޮންޑިޝަންކޮށްފައެވެ.

މި ސުކޫލު ހިންގުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަށެވެ. މިއަދު މި ސުކޫލު ހުޅުވިއިރު ދަރިވަރުންގެ އާބާދީ އަކީ 24 އެވެ. ނަމަވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް އަވަހަށް މި ސުކޫލުގެ އާބާދީ އިތުރުވެގެން ދާނެއެވެ.

މި ސްކޫލުގެ ޕްރިންސިޕަލަކީ "އަމީރު އަޙުމަދު ޕްރީސްކޫލް" ގެ ކުރީގެ ޕްރިންސިޕަލް ޚަދީޖާ ހުސައިންނެވެ. ސުކޫލުގައި މިވަގުތު 6 ޓީޗަރަކު މަސައްކަތް ކުރައްވައެވެ. މި 6 ޓީޗަރުންނަކީ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރައްވައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހޯއްދަވައިފައިވާ މީހުންނެވެ.

ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމުގެ އިތުރުން ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ އިތުރުން އެމިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މުޙައްމަދު ޤާސިމް ޕްރީސްކޫލު ހުޅުވުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސުކޫލު ހަދިޔާކޮށްދެއްވި އަލީ ފިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ. މިފަދަ މަސައްކަތްތަކަކީ ހެޔޮ ސަވާބާއި ދަރުމަ ލިބޭނޭ ކަންކަންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.