ހުކުރުދުވަހުގެ ހަވީރު ފުރި ލޯންޗުން ނާއިފް މާލެ ދާން ފުރައިފިއެވެ. ނާއިފް އަށް މާލެ ދެވުނީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް އައިސް ނާއިފް ބޭނުންވީ ވަހީދާމެންގެ ގެއަށް ދާށެވެ. ނާއިފް މާލެ އައިކަމެއް ވަހީދާ އަކަށް ނޭނގޭނެއެވެ. ނާއިފް ބޭނުންވީ ވަހީދާއަށް ސަޕްރައިސްއެއް ދޭށެވެ. ނާއިފް މާލޭގައި ހުންނަ ގެއަކީވެސް ވަހީދާމެންގެ ގެއާއި އެހާ ދުރުގައި ހުންނަ ގެއެއް ނޫނެވެ. ފަސްމިނިޓުން ހިނގާލާފައި ދެވޭނެއެވެ. ރޭގަނޑު ފެންވަރައިލައިގެން ތައްޔާރުވީ ވަހީދާއާއި ބައްދަލު ކުރުމަށެވެ. އެގެއަށް ދާކަހަށް މާގިނައިރެއް ނުނެގިއެވެ. ދޮރާށީގައި ހަރުކޮއްފައި އިން ރަނގަބީލްއަށް ފިތާލައިފިއެވެ. އެތެރެއިން މުސްކުޅި ފުރައިގެ މީހަކު ނިކުތެވެ. ބަލާބެލުމަށް އެއީ ދިވެއްސެއްހެން ހިއެއް ނުވެއެވެ.

" ވަހީދާ އެބައުޅޭތަ " ނާއިފް އަހައިލިއެވެ.

" އާނ. ގޭގައި އެބައުޅޭ. ބޮސްވެސް އުޅެނީ. ވަހީދާ ވެސް އުޅެނީ " އެހެން ބުނެފައި އެމީހާ އެތެރެއަށް ވަދެއްޖެއެވެ. މާގިނައިރެއް ނުވަނީސް ދޮރާށި ހުޅުވައިލީ ވަހީދާއެވެ. ވަހީދާ ހުރީ ހައިރާންވެފައެވެ. ކުއްލިއަކަށް ނާއިފް ފެނުމުންނެވެ. ނާއިފް އެހާ އަވަހަށް މާލެ އަތުވެދާނެކަމަކަށް ވަހީދާ ހިއެއް ނުކުރެއެވެ.

" ހައިރާންވެފައި ދޯ " ނާއިފް ބުނެލިއެވެ.

" އާނ އަހަރެން ހިއެއް ނުކުރަން ނާންގާ މާލެ އަތުވެދާނެކަމަށް " ވަހީދާ ބުނެލިއެވެ.

ވަހީދާ ނާއިފް ގޮވައިގެން ގޭތެރެއަށް ވަންނަން ހިނގައިގެންފިއެވެ. ނާއިފް ހުރީ ހައިރާންވެފައެވެ. އެގޭގެ ޒީނަތްތެރި ކަމުންނެވެ. ގޭތެރޭގައި އެހާގިނަބަޔަކު ފެންނާކަށް ނެތެވެ. ނާއިފް ގޮސް ސިޓިންގރޫމްގައި އިށީނެވެ. ވަހީދާވެސް ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

" އަރޫނާ ގެނެސްބަލަ ފިނިބުއިމެއް " ވަހީދާ ބުނެލިއެވެ. އެގޭގައި އެކިވަރުގެ ނޯކަރުން ގެންގުޅެއެވެ. ވަހީދާ އަމިއްލައަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ." ކޮބާ މަންމަމެން " ނާއިފް ސުވާލު ކުރިއެވެ.

" ހީވަނީ ބޭރަށްހެން ދިޔައީ. ޝޮޕިންގއަށް ދާ ވާހަކަބުނި " ވަހީދާ ޖަވާބު ދިނެވެ.

ނާއިފް އިނީ ވަރަށް ބިރުންނެވެ. ވަހީދާގެ މަންމަމެން ބުނެފާނެ އެއްޗަކަށެވެ. އެކަމަކު އެކަހަލަ މަންޒަރެއް ނާއިފް ނުދައްކައެވެ. އެގޭ ނޯކަރު މީހާ ސައި ތައްޔާރު ކޮއްގެން ގެނެސް ނާއިފްމެންގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.

" މަންމަމެން ވަރަށް ރުޅި އަންނާނެ ދޯ އަހަރެން ފެނިފައި " ނާއިފް ވަހީދާ އާއި ސުވާލު ކުރިއެވެ.

" ނޫނޭ އަހަރެން އޮންނާނީ މަންމަގެ ގާތުގައި ހުރިހާ ވާހަކައެއް ދައްކާފައި " ވަހީދާ ޖަވާބުދިނެވެ.

ނާއިފްމެން ވާހަކަ ދައްކަން ތިއްބާ ވަހީދާގެ މަންމަ އާއި ބައްޕަ ގޭތެރެއަށް ވަނެވެ. ނާއިފް އިށީދެގެން އިން ގޮނޑިން ކޮޅަށް ތެދުވިއެވެ. އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ނަމަވެސް ވަހީދާ ގޮނޑީގައި އިނީއެވެ. ވަހީދާގެ މަންމަ އާއި ބައްޕަ ވަނީ ގޭތެރެއަށެވެ. ނާއިފްމެން ފެނުނުހެނެއްވެސް ހިއެއް ނުވެއެވެ. ނާއިފް އިނީ ވަރަށް ބިރުންނެވެ. ވަހީދާގެ މަންމަމެން އަނގައިންވެސް ނުބުނެ ދިއުމުންނެވެ." މެޑަމް ބުނި ކާން އަންނާށޯ " އެގޭގައި ގެންގުޅޭ ބިދޭސީ މީހާ އައިސް ވަހީދާ ގާތުގައި ބުނެލިއެވެ.

" ހިނގާ ކާގެއަށް ދާން. މަންމަމެން ތިބޭނެ އިންތިޒާރުގައި " ވަހީދާ ނާއިފް އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

ކާގެއަށް ވަންއިރު ވަހީދާމެންގެ އިންތިޒާރުގައި ކާމޭޒު ދޮށުގައި ވަހީދާގެ މަންމަ އާއި ބައްޕަ ތިއްބެވެ. ދުވަހަކުވެސް ނުދެކޭ ބައެއްގެ ކައިރިއަށް އަންނަން ޖެހުމުން ނާއިފް ހުރީ ހިތް ބިރުގެންފައެވެ.

ވަހީދާގެ މަންމަމެން ބުނެފާނެ އެއްޗަކަށެވެ. މިކަމާއި އެމީހުން ނުޤަބޫލު ވެއްޖެއްޔާ ނާއިފް ހިތަށް ކުރާނެ އަސަރު މިހާރުވެސް ނާއިފްއަށް ކުރެވެއެވެ.

" ނާއިފް ދޯ ކިޔަނީ " ވަހީދާގެ ބައްޕަ ސުވާލު ކުރިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ނާއިފް ބޯ ޖަހައިލިއެވެ. ނާއިފް އިނީ އަނގައިން ބުނަންވެސް ނުކެރިއެވެ.

" ވަރަށް އުފާވެއްޖެ ވަހީދާ ދިރިއުޅުމެއް ފައްޓާތީ. ލަސްނުކޮށް އަވަހަށް ކައިވެނީގެ ކަންތައް ކުރިއަށް ގެންދަންވީ " ވަހީދާގެ ބައްޕަ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

ކެއުމުގެ ކަންތައް ނިންމާލާފައި ވަހީދާ ނިކުތީ ބޭރަށެވެ. ފަހަތުން ނާއިފްވެސް ނިކުތެވެ. ވަހީދާ ގޮސް އެރީ ގަރާޖްގައި އޮތް ކާރަށެވެ. ކާރު އިސްޓާޓް ކޮއްލާފައި ކާރުން ފޭބިއެވެ. އަދި ނާއިފް އަތުގައި ހިފައި ގެނެސް ކާރަށް އެރުވިއެވެ. ހީވަނީ ކުޑަކުއްޖެއް ގެންގުޅޭހެނެވެ.

" ކޮންތާކަށް މިދަނީ " ނާއިފް ސުވާލު ކުރިއެވެ.

" ބުރެއް ޖަހާލަން މިދަނީ " ވަހީދާ ޖަވާބު ދިނެވެ.

އެރޭ ވަހީދާ ނާއިފް ގޮވައިގެން ވަރަށް ގިނަ ފިހާރަތަކަށް ވަނެއެވެ. ނާއިފަށް ބޭނުންވާނެ ތަކެތި ވެސް ގަނެދިނެވެ. އެމީހުންނަށް ގެއަށް އާދެވުނުއިރު ހުރީ ވަރަށް ލަސްވެފައެވެ. ނާއިފް ބޭނުންވީ އަވަހަށް ނިދާލުމަށެވެ. މާދަމާ ވަރަށް ހެނދުނު ހޭލަން ޖެހޭނެތީއެވެ. ނާއިފް ގެއަށް ލާފައި ވަހީދާ ދިޔައީ އެމީހުންގެއަށެވެ. މާދަމާ ކިޔަވަންދާން އިރަށް ކާރު ފޮނުވާނަމޭ ބުނެފައެވެ.

ހެނދުނު އަށެއް ޖެހިތަނާ ނާއިފް ކިޔަވަންދާން ގެއިން ނިކުތެވެ. ބޭރުގައި ކާރު އޮތެވެ. ނާއިފް ގޮސް ކާރަށް އެރިއެވެ.

" ކޮންތާކަށް ގެންދަންވީ " އެކާރު ދުއްވަންއިނީ ބޭރު މީހެކެވެ.

" ކޮލެޖަށް ދާންވީ. ކޮބާ ވަހީދާ " ނާއިފް ސުވާލު ކުރިއެވެ." މެޑަމް އޮތީ ނިދާފައި " ޑްރައިވަރު ޖަވާބުދިނެވެ.

ކާރު ގޮސް ކޮލެޖަށް މަޑުކޮއްލުމާއެކު ނާއިފް ފޭބިއެވެ. ނާއިފް މަޑުހިނގުމެއްގައި ގޮސް ކްލާހަށް ވަނެވެ. ދަންނަ މީހަކު އިންތޯ ވަށައިގެން ހޯދައިލިއެވެ. ދަންނަ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނާއިފް ކްލާހުގައި އިންނައިރުވެސް ވިސްނުން ހުރީ އެހެން ދިމާލަކަށެވެ. ވަހީދާގެ ޚިޔާލުގައެވެ. ނާއިފް އަށް އެހާ ތަނަވަސް އާއިލާ އަކާއި ގުޅޭތީއެވެ. އެޚިޔާލުގައި އިންދާ ކްލާސް ނިމިއްޖެއެވެ. މިއަދުގެ ކްލާސް އެހާ ދިގެއް ނޫނެވެ. ފުރަތަމަ ދުވަހަށް ވީމައެވެ. ކްލާސް ނިމުމާއިއެކު ނާއިފް ވަހީދާއަށް ގުޅިއެވެ. ގެއަށްދާން ކާރު ފޮނުވައިދިނުމަށެވެ. މާގިނައިރެއް ނުވަނީސް ކާރު އަތުވެއްޖެއެވެ. ނާއިފް ދިޔައީ އޭނަ އުޅޭ ގެއަށެވެ. ނާއިފް ގޮސް އޮށޯތީއެވެ. ކުޑަކޮށް ނިދާލުމުގެ ބޭނުމުގައެވެ. ނާއިފް އަށް ނިދޭގޮތެއް ނުވިއެވެ. ފޯނު ނަގައި ވަހީދާއަށް ގުޅައިލިއެވެ. ފޯނަކަށް ޖަވާބެއް ނުދެއެވެ. ނާއިފް ހިނގައިގަތީ ވަހީދާމެންގެ ގެއަށް ދިއުމަށެވެ. އެގޭ ދޮރުގައި ހަރުކޮއްފައި ހުރި ބެލްއަށް ނައިފް ފިތައިލިއެވެ. އެތެރެއިން ބިދޭސީ އަންހެނަކު ނިކުތެވެ.

" ކޮބާ ވަހީދާ " ނާއިފް ސުވާލު ކުރިއެވެ.

" މެޑަމް ދެންމެ ބޭރަށް ދިޔައީ. ނޭނގެ ދާތަނެއް " ބިދޭސީ އަންހެން މީހާ ބުނެލިއެވެ.

ނާއިފް މަގުމަތީގައި މަޑުކޮއްލިއެވެ. ވަހީދާ އާދޭތޯއެވެ. ބިދޭސީ މީހާ ނާއިފް އެތެރެއަށް ވަނުމަށް އެދުނެވެ. ނާއިފް ގޭތެރެއަށް ވަންނާކަށް ބޭނުމެއެއް ނުވިއެވެ. ވަހީދާ ކާރުގައި އައިސް މަޑުކޮއްލައި ކާރުން ފޭބިއެވެ.

" ކީއްވެ ގެއަށް ނުވަދެ ބޭރުގައި ތިހުރީ. މަ މިއުޅުނީ ނާއިފް ބަލާ ދާންވެގެން " ވަހީދާ ނާއިފް އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ނާއިފް ގޮސް ސިޓިންގރޫމްގައި އިށީނެވެ. ވަހީދާ ދިޔައީ ކޮޓަރިއަށެވެ. މާގިނައިރެއް ނުވަނީސް ވަހީދާ އަތުވެއްޖެއެވެ.

" ކިހިނެއް ކައިވެނީގެ ކަންތައް އޮތީ " ނާއިފް ސުވާލު ކުރިއެވެ.

" ހަމަ ކުރިޔަށް ދާންވީ " ވަހީދާ ދިނީ ކުރު ޖަވާބެކެވެ.

" ދުވަހެއް ކަނޑައެޅީމަ ދޯ އަހަރެންގެ ކަންތައް ވެސް ހަމަޖައްސަން އެނގޭނީ. މިބުނީ ޖޮބުވެސް " ނާއިފް ބުނެލިއެވެ.

" އެކަމާއި ހާސް ނުވޭ. މާލޭގައި ދިރިއުޅޭނީ. ޖޮބަށް ދާނެކަމެއް ނެތް " ވަހީދާ ބުނެލިއެވެ. ނާއިފް ވެސް މިކަމާއި އެއްބަސްވިއެވެ.

ނާއިފްގެ ކޯސް ނިމިއްޖެއެވެ. ނާއިފް ބޭނުންވީ ރަށަށް ގޮސްލާފައި އެނބުރި މާލެ އައިސް ކައިވެނި ކުރާށެވެ. ވަހީދާވެސް މިކަމާއި ގަބޫލުވިއެވެ. ނާއިފް ރަށަށް ދާން ފުރައިފިއެވެ. ވަހީދާ މާލޭގައި ކުރަންހުރި ކަންތަކާއިހަވާލުކޮއްފައެވެ. ނާއިފް ރަށަށް އައިސް އެންމެ ފުރަތަމަވެސް ބޭނުންވީ މަންމަގެ ގާތުގައި އެވާހަކަ ދައްކާށެވެ.

" މަންމާ އަހަރެން މިއުޅެނީ މީހަކާއި އިންނަން " ނާއިފް މަންމަގެ ގާތުގައި ބުނެލިއެވެ.

" އެއްކަލަ ވަހީދާ އާއި ދޯ. ދެން ދަރިފުޅުގެ ވަޒީފާ ކިހިނެތް ހަދަނީ " މަންމަ ސުވާލު ކުރިއެވެ.

" މި ވިސްނަނީ އެއްކޮށް މާލެ ބަދަލުވާން " ނާއިފް ޖަވާބު ދިނެވެ.

" ތިއީ މަންމަ އެއްގޮތަކަށްވެސް ގަބޫލުކަމެއް ނޫން. މިރަށުގެ ކުއްޖަކާއި ކައިވެނި ކޮއްބަލަ " މަންމަ ބުނެލިއެވެ.

ނާއިފް އެކަމެއް ގަބޫލެއް ނުކުރިއެވެ. މަންމައަށް ރޮވެން ފަށައިފިއެވެ. ނާއިފް އެކަމާއި އަޅައެއް ނުލައެވެ. މަންމަ އަށް ވުރެވެސް މިހާރު ވަހީދާ މާ މުހިއްމު ކަމަށް ދެކުނެވެ.

ހަވީރު ފެންވަރައިލައިގެން ނާއިފް އިނީ ގޮސް އަތިރިމަތީގައެވެ. މިދިމާވި ކަންތަކާއި ދެރަވެފައެވެ. އެކަމަކު އަދިވެސް ވަހީދާ ދޫކޮއްލާކަށް ބޭނުމެއް ނުވެއެވެ. މަންމައަށް ނުވިސްނެނީ ބާވައެވެ. މާލޭގައި ދިރިއުޅޭއިރު ކިހާ ފަސޭހަވާނެހެއްޔެވެ. ނާއިފް އިނީ ވިސްނުމުގެ ތެރެއަށް ގެއްލިފައެވެ. އިރުއޮއްސެން ގާތްވި އިރުވެސް ނާއިފް އިނީ ގެއަށް ދާހިތް ނުވެފައެވެ. ގެއަށް ގޮސްފިއްޔާ މަންމަ އެވާހަކަ ދައްކަން ފަށާނެއެވެ. ގެއަށް ދާން ބޭނުން ނުވިޔަސް ޖެހޭނީ ދާންތާއެވެ. ނާއިފް ދާނެ އެހެން ތަނެއް މިރަށަކު ނެތެވެ. ނާއިފް ގެއަށް ދާން ހިނގައިގެންފިއެވެ. އަތިރިމަތީ މަގުންނެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން ނާއިފް އެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް ނާއިފް ހިނގައިގަތެވެ. ފަހަތުން މީހަކު ނާއިފްގެ ނަމުން ގޮވައިލިއެވެ. ނާއިފް ހުއްޓުނެވެ.

" އޭ މަށޭ. މިހާރު ހާދަ ފޮންޏޭ ދޯ " އަރީފް ބުނެލިއެވެ.

" އަހަރެން ރަށަށް އައިތާ އަދި ނުވާނެ އެހާ ގިނަ ދުވަހެއް " ނާއިފް ބުނެލިއެވެ.

" ދެން ކޮންއިރަކު ކައިވެނި ކުރަނީ " އަރީފް ބުނެލިއެވެ.

" ވަރަށް އަވަހަށް އެކަންވެސް ވާނެ. ދެން މާލެ ބަދަލު ވާނީ " ނާއިފް ފޫހި ފާޑަކަށް ބުނެލިއެވެ.

އެހެން ބުނެލާފައި ނާއިފް ގެއާއި ދިމާލަށް ހިނގައިގެންފިއެވެ. ނާއިފް ގެއަށް ވަންއިރު މަންމަ ޖޯލިފަތީގައި އޮތެވެ. ނާއިފް ގޮސް މަންމަގެ ގާތުގައި އިށީނެވެ. ނާއިފް އިނީ ވަރަށް ދެރަވެފައެވެ. ނާއިފް މަންމަގެ އަތުގައި ހިފައލިއެވެ. މަންމަ އޮތީ ހުން އައިސްފައެވެ. ނާއިފް ހާސްވިއެވެ.

" މަންމަ ތިއޮތީ ބަލިވެ އެއްނު. ހިނގާ ބޭސް ކާން " ނާއިފް މަންމަގެ ގާތުގައި ބުނެލިއެވެ.

" ނޫން ދަރިފުޅާ މަންމަ ބައްޔެއް ނޫން " މަންމަ ޖަވާބު ދިނެވެ. ނާއިފް މަންމަގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. އަދި ބޭސް ހިފައިގެން އައިސް މަންމައަށް ކާންދިނެވެ.

" މަންމާ ދެރަ ނުވޭ އަހަރެން މަންމަ ދެރަވާނެ ގޮތެއް ނުހަދާނަމޭ " ނާއިފް މަންމަ ގާތުގައި އިނދެ ރޯންފެށިއެވެ.

" ތި ބުނީ އެވަހީދާ އާއި ކައިވެނި ނުކުރާނަމޭތަ " މަންމަ ބުނެލިއެވެ.

" ނޫން. ކައިވެނި ކޮއްގެން މަންމަ އާއި ބައްޕަ ގޮވައިގެން މާލެ ދާނީ " ނާއިފް ބުނެލިއެވެ. ނާއިފް ބޭނުންވަނީ މަންމަ އާއި ބައްޕަ ގޮވައިގެން މާލެ ދާށެވެ. މިހާރު ނާއިފް ބައްޕަ އަބަދު އުޅެންޖެހިފައި އޮންނަނީ ރަށުން ބޭރުގައެވެ. ވަޒީފާގެ ގޮތުންނެވެ. ނާއިފް ބޭނުންވީ މައިންބަފައިން މާލެ ބަދުކޮށް އުފަލުގައި ގެންގުޅޭށެވެ. ނާއިފް ވަހީދާ ދޫކޮއްނުލާނެކަން މަންމައަށް އެނގެއެވެ. އެހެންކަމުން އެންމެ ފަހުން މަންމަ އެކައިވެންޏަށް ގަބޫލުވެއްޖެއެވެ. ނާއިފް ހުރީ ވަރަށް އުފަލުންނެވެ. މަންމަ ގަބޫލުވީތީއެވެ.

ނާއިފްގެ އާއިލާ މާލެ އައީ ނާއިފްގެ ކައިވެނީގެ ހަފްލާގައި ބައިވެރި ވުމަށެވެ. އެމީހުން ތިބީ ވަހީދާގެ ގޭގައެވެ. އެގޭ މީހުން ވަރަށް ރަނގަޅެވެ. ޚާއްސަކޮއް ވަހީދާގެ މައިންބަފައިންނެވެ. މިކަމާއި ނާއިފްގެ މަންމަ އާއި ބައްޕަ ވަރަށް އުފާވެސްވިއެވެ. ކުރިންވެސް ކައިވެނީގެ ކަންތަކާއި އެއްބަސްވެވުނު ނަމައޭ ހިތަށް އެރިއެވެ. ކައިވެނީގެ ކަންތަކަށް ފަހު އެމީހުން އުޅޭނެ އުފާވެރި ދިރިއުޅުން މިހާރުވެސް ނާއިފްގެ މަންމައަށް ފެންނަކަހަލައެވެ. ގޭގައި އެއްވެސް ކަމެއް ކުރާކަށް ނާއިފްގެ މަންމައަށް ނުޖެހެއެވެ. އެންމެ ކުޑަމިނުން ކައްކާ ކާން ދެނީވެސް އެހެންބަޔެކެވެ. ތަނަކަށް ދާން ޖެހުނަސް ހިނގާފައި ދާކަށް ނުޖެހެއެވެ. އެމީހުން ބޭނުން ތާކަށް ދާން އެގޭ ކާރު އޮވެއެވެ. މިއީ ނާއިފްގެ މަންމަ ދުވަހަކުވެސް ފެންނާނެކަމަށް ހީކުރި ދުވަހެއް ނޫނެވެ. އެމީހުންގެ ކަމަކީ އަބަދު ބާޒާރު ކުރުމެވެ. ކައިވެނީގެ ހަފްލާއަށް ތައްޔާރު ވުމަށެވެ. ކައިވެނީގެ ރަސްމިއްޔާތު ބާއްވާ ދުވަސް އެނގުމާއިއެކު ދެފަރާތުގެ އާއިލާ އިންވެސް ވަރަށް ތައްޔާރުވިއެވެ.

(ނުނިމޭ)