ނ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް މިއަދު ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ އަފާމީ މޯލްޑިވްއާއެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ހަތް ހަމިލިއަން އެއްލައްކަ ފަންސާސް ފަސް ހާސް ތޭވީސް ރުފިޔާ ސާޅީސް ހަތަރު ލާރި އަށެވެ. އެއީ އެކުންފުނީން ހުށަހަޅާފައިވާ އަގުކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އެކުންފުންޏާ އެމަ ސައްކަތް ހަވާލު ކުރައްވާފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމައިދޭ ގޮތަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ 2022 ވަނަ އަހަރު އޭޕްރީލް މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް،" އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ރިޔާޒެވެ. އަފާމީ މޯލްޑިވް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދެވެ.