ގދ. މަޑަވެލި-ހޯޑެއްދޫ ބުރިޖަކުން ގުޅާލަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެެކްރެޓަރީ ޒީނިއާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާ އެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 262 މީޓަރުގެ މަގެއް ހެދުމާއި، މަގު މާކު ކުރުމާއި، ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި ބްރިޖުގެ ދިގުމިނަކީ 383 މީޓަރެވެ.

މިއީ 84.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުއަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ