މިދިޔަ އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް އެޓީމުގެ ދަނޑުގައި ލިވަޕޫލްގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ހެދި ހެޓްރިކުގެ ވާހަކަ މީޑިޔާގައި ދެކެވެމުން ދަނީ އެވާހަކަ ނުދައްކައި ދޫކޮށް ނުލެވޭނެ ވަރުގެ ހަތަރު ސަބަބު އޮތުމުންނެވެ.

އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފާއިތުވެދިޔަ ފަނަރަ ވަރަކަށް އަހަރު ޑޮމިނޭޓް ކުރި ފުޓްބޯޅައިގެ ދުނިޔެ، އެހެން ހާލަތަކަށް ދީލާލުމުގެ ކޮޅުމަތި މިސީޒަނުގައި ފެންނަމުންދާއިރު މެން.ޔުނައިޓެޑުގެ މަޝްހޫރު އޯލްޑްޓްރެފޯޑުގައި ސަލާހް،29، ހެދި ހެޓްރިކާއެކު ސަލާހުގެ އަޑު މީޑިއާގައި މިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

ޗެލްސީން ބޭނުން ނެތިގެން ދޫކޮށްލުމުން ލޯން އެއްބަސްވުމެއްގެ ދަށުން 2015 އަދި 2016 ވަނަ އަހަރު ފިއޮރެންޓީނާ އާއި ރޯމާއަށް ކުޅުނު ސަލާހް ގިނަބައެއްގެ ލޮލުގައި އަޅައިގަތީ، ލިވަޕޫލްގެ ކޯޗްކަމާއި ޖަރުމަނުގެ ޔާގެން ކްލޮޕް ހަވާލުވެ ދާއިމީ އެއްބަސްވުމެއްގެ ދަށުން 2017 ވަނަ އަހަރު ސަލާހް ލިވަޕޫލަށް ގެނައި ހިސާބުންނެވެ.

"ވަން ސީޒަން ވޮންޑާ" އެއް ނޫން ކަން އެންމެފުރިހަމަކޮށް ސަލާހް ސާބިތު ކޮށްދިނީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ތާރިހުގައި މެން.ޔުނައިޓެޑުގެ އޯލްޑްޓްރެފޯޑުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ. މީގެ އިތުރުން މިމެޗުގައި ސަލާހަށް ލިބިގެންދިޔަ އިތުރު 3 ޝަރަފް ތިރީގައި އެވަނީއެވެ.

1. އެފްރިކާ ބައްރަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފް

2. ލިވަޕޫލްގެ ތާރިހުގައި، އެކްލަބަށް ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް

3. 1902 ވަނަ އަހަރަށްފަހު ލިވަޕޫލްގެ ތާރިހުގައި ރަށުން ބޭރުގައި އެކްލަބަށް ޖެހިޖެހިގެން 5 މެޗުގައި ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް

ލިވަޕޫލަށް މިހާތަނަށް ކުޅެދިން 154 މެޗުގައި 105 ލަނޑު ކާމިޔާބު ކޮށްދީފައިވާ ސަލާހާއި ގުޅޭ ގޮތުން އެކްލަބުގެ ކޯޗް ކްލޮޕް ބުނީ މިވަގުތު ސަލާހަށްވުރެ މޮޅަށް ކުޅޭ އެހެން ކުޅުންތެރިޔަކު ނެތް ކަމަށެވެ.