މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އަންހެނުން ބައިވެރިކުރަން ޖެހޭ ކަމަށް އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ "ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" ގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ހާއްސަ ހާލަތްތަކުގައި ތިބި ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުން ނަމަ ދަރަނި އަދާކުރުމުގައި ހުރި ގޮންޖެހުންތައް ފަދަ މައްސަލަތައް ހައްލުކުރަން ޖެހޭނެ ކަމަށެވެ. އަދި ދަރަނި ދެއްކުން މެދުކަނޑާލުމުގެ އިނީޝިއޭޓިވް އިތުރު އެއް އަހަރަށް އިތުރުކުރުމުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އޭގެން ފައިދާކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ޖީ20 ސަމިޓަކީ މިކަމަށް އޮތް މުހިއްމު ހައްލަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ އުންމީދީ ރިޔާސަތު ބިނާވެފައި ވަނީ ކަނު އުންމީދަކަށް ނުވަތަ މިއަދުގެ ހާލަތުގެ ގޯސްކަން ވަޒަން ނުކުރާ އުންމީދަކަށް ނޫން ކަމަށެވެ.

"އަޅުގަނޑަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، އެގައުމެއްގެ ދެމިއޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ދިވެހިރާއްޖެއަށް ނިސްބަތްވާ މީހެއް. އަޅުގަނޑުމެންގެ ހުރިހާ ރަށްރަށުގެ ރައްޔިތުންވެސް، މިއީ ނުރައްކަލެއް ކަމުގައި ގަބޫލުކޮށް އެކަމާ ދޭތެރޭގައިވަނީ ހޭލުންތެރިވެފައި. އަޅުގަނޑުގެ އުންމީދު ބިނާވެފައިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައް ފުރިހަމަކަމާއެކު ވަޒަން ކޮށް، އަދި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން އަޅުގަނޑުމެންނަށް ލިބިފައިވާކަން ގަބޫލުކުރުމުގެ މައްޗަށް. އަޅުގަނޑު އާއްމު މަޖިލީހުގައިވެސް އާލާކުރަން ބޭނުންވަނީ ހަމަ މި ރޫހު." އެމަނިކުފާނު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިއަދު އަމާޒު ހިފާފައިމިވަނީ، ކޮޕް25 އިން ފެށިގެން ކޮޕް26 ގެ މަގުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަނެ، ހީނަރުވެފައިވާ ދާއިރާތަކުން ކުރިއެރުން ހޯދުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުން ލިބުނު ފިލާވަޅުތަކަށް ރިޔާއަތް ކުރުމަށް ކަމަށެވެ. އަދި އޭގެ ސަބަބުން އެންމެންނަށް ވެސް ސަޕޯޓް ކުރެވިދާނެ އެންމެ ފައިދާހުރި އަދި އީޖާދީ ބައެއް ހައްލުތަކަށް އަލިއަޅުވާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތައަކީ ދުނިޔޭގެ އެންމެ އަގުހެޔޮ ހަކަތައިގެ ވަސީލަތް ކަމަށް ވާތީ ފޮސިލް ފިއުލް ބޭނުން ކުރުން ވަރަށް ބޮޑަށް ދަށްވެއްޖެ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އިއާދަކުރަނިވި ހަކަތަ ލިބޭނެ މަގުތައް ފަސޭހަވެ، އިތުރުވުމާއި އޭގެ ބޭނުންތައް ފުޅާވަމުންދާ ކަމަށާއި އަގުހެޔޮކޮށް އިއާދަކުރަނިވި ހަކަތަ ލިބޭކަމުގައިވާނަމަ ގައުމުތަކުން ފޮސިލް ފިއުލް ނުވަތަ ކޯލް ބޭނުންކުރުން މަދުކޮށް، ހަރަދުތަށް ކުޑަކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޖަރުމަނުވިލާތާއި ކެނެޑާ ގުޅިގެން އުފެއްދި "ކްލައިމެޓް ފައިނޭންސް ޑެލިވަރީ ޕްލޭން" ގައިވާ ގޮތުގެ މަތިން އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ ލަނޑުދަނޑިއަކަށް އަދި ހާސިލު ނުކުރެވޭ ކަމަށާއި އަދި ތަރައްގީވެފައިވާ ގައުމުތަކުން މި ލަނޑުދަނޑިއަށް ވާސިލްވުމުގައި ތިން އަހަރު ލަސްވާނެ ކަމަށް އިނގިރޭސިވިލާތުގެ ކޮޕް26 ޕްރެޒިޑެންސީއިން އިއްޔެ ވިދާޅުވެފައިވާކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފަ އެވެ."އެ ވައުދާ ބައްދަލުވާނެ ކަމުގެ އެއްވެސް އުންމީދެއް އޮތީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައި. އެހެން ނަމަވެސް، އެ ފަރަގު ކުޑަކުރުމަށްޓަކައި ރާވާފައިވާ ރޭވުންތަކުގެ ވާހަކަތައް މިއަދު ދެއްކޭނެ. އަޅުގަނޑުމެންގެ މަސައްކަތް އަމާޒުކުރަންޖެހޭނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް މަދުވެގެން އެއް ޓްރިލިއަން ޑޮލަރުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ދިނުމަށް. މި ދަތިތަކާ ހުރެވެސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި މެމްބަރު ގައުމުތަކުގެ އަމާޒުތައް އިތުރުވަމުން ދާކަން ތިހުރިހާ ބޭފުޅުންވެސް އެއްބަސްވާނެ." އެމަނިކުފާނު ވިދާޅުވި އެވެ."ހައި-ލެވެލް ތީމެޓިކް ޑިބޭޓް އޮން ޑެލިވަރިން ކްލައިމެޓް އެކްޝަން: ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ"ގެ މަޝްވަރާތައް ފަށާއިރު، މައިގަނޑު ހަތަރު ނުކުތާއެއް ޝާހިދު ވަނީ ފާހގަކުރައްވާފަ އެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ދިމާވާ ނުރައްކާތެރިކަން ބޮޑުކަމުގައިވީނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާއިރު، އެކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ މައްސަލައެއް ކަމަށް އެމަނިކުފާނު ވަނީ ފުރަތަމަ ކަމަށް ފާހަގަ ކުރައްވާފަ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކަށް ބޭނުންކުރަން ހުރި ވަސީލަތްތައް މި ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންކޮށްފައިވާކަމަށްވެސް ވަނީ ފާހަގަކުރައްވާފަ އެވެ.ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު އަދި އެންމެ މުހިއްމު ރިކަވަރީ މިހާރު ކުރިމަތީގައި އޮތް އިރު ރިކަވަރީ ގެ ހުރިހާ ފަންޑަކީ ވެސް ތިމާވެއްޓާ ރައްޓެހި ފައިސާކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އެންމެ ނާޒުކު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ފަދަ ގައުމުތަކަށް، ކޮވިޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވެފައިވާ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާޜު ކުރިއަށްދާ ބައްދަލުވުމުންވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ނުލިބޭނެ ކަމަށާއި މިކަން ހައްލުކުރުމުގައި ޒުވާން ކުދިންނާއި އަންހެނުންނާއި އަދި މިނޫންވެސް ހުރިހާ ފަރާތްތައް ބާރުވެރިކުރުވާ، މުޅި މުޖްތަމައު އެކަމުގައި ޝާމިލުކުރުވާ ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

76 އަހަރު ވަންދެން އދ.އޮތީ ބައިނަލްއަގުވާމީ އެއްބާރުލުމުގެ މޫނުމައްޗެއްގެ ގޮތުގައި ކަމަށާއި މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19އާއި މޫސުމަށް އަންނަ ބަދަލުތަކާއި ބަޔޯޑައިވަސިޓީ ގެއްލުންފަދަ ގޮންޖެހުންތަކަކީ، އިމެއް ނެތް، އަދި މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ. އަދި މި ގޮންޖެހުންތަކަކީ ދުނިޔޭގެ އުތުރަކަށް ދެކުނަކަށް އަދި ވަކި ކުލަ އަކަށް ބެލުމެއްނެތި ދިމާވެފައިވާ ގޮންޖެހުންތަކެއް ކަމަށްވެސް ވިދާޅުވި އެވެ.