މިސީޒަނުގައި ލިބެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން، ސްޕެނިޝް ލަލީގާގެ މަޝްހޫރު ކްލަބު ބާސެލޯނާއިން އެކްލަބުގެ ކޯޗް ހޮލެންޑުގެ ރޮނާލްޑް ކޫމަން ރޭ މަގާމުން ވަކިކޮށްފިއެވެ.
ކޫމަން މަގާމުން ވަކިކުރިކަން ބާސެލޯނާއިން ރޭ އިއުލާން ކުރީ، ލަލީގާގައި ރޭ ރަޔޯވަޔަކާނޯގެ ދަނޑުގައި 1-0 އިން އެކްލަބު ބަލިވި މެޗަށްފަހުއުއެވެ. މިއީ މިހަފްތާ ތެރޭގައި ބާސެލޯނާ ލީގުގައި ބަލިވި ދެވަނަ މެޗެވެ. މިދިޔަ އާދިއްތަ ދުވަހު ވާދަވެރި ރެއާލް މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބާސާ ބަލިވެފައިވާއިރު ޗެމްޕިއަންޝް ލީގުގައި މިސީޒަނުގައި ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.
ކޫމަން ބާސެލޯނާގެ ކޯޗްކަމުގެ މަގާމާ ހަވާލުވީ، 19 އޯގަސްޓް 2020 ގައެވެ. އެއީ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި 8-2 ގެ ބޮޑު ތަފާތަކުން ބަޔާން މިޔުނިކް އަތުން ބަލިވެ އޭރުގެ ކޯޗް ސެޓިއެން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ބާސެލޯނާގެ ތާރިހުގައި އެކްލަބު ދުށް އެންމެ މޮޅު ޑިފެންޑަރުގެ ޝަރަފް އޮތް ކޫމަންގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުން އެކްލަބަށް ހޯދިފައި ވަނީ 15 ޕޮއިންޓެވެ.
ބާސެލޯނާގެ ކޯޗްކަމުގެ މަގާމާ ދެން ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މިވަގުތު ގަތަރުގެ އަލް-ސާދަށް އިރުޝާދު ދެމުން އަންނަ ބާސެލޯނާގެ ކުރީގެ ހުނަރުވެރި ޕްލޭމޭކަރ ޒަވީ ހެނާންޑޭޒްއެވެ.