މިރޭ 20:50 ހާއިރު ކަރަންޓު ސޯޓެއް ވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެ، މާލޭ ހުކުރު މިސްކިތުގައި ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގައިފި އެވެ.

މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވިނަމަވެސް، މިސްކިތުގެ ހިރިގަލަށާއި މަތިވަޑާންގަނޑަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ.

މިސްކިތް ބޭނުންކުރާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ މި މިސްކިތުގެ ޢިމާރާތް ރައްކާތެރިކުރުމަކީ މި މަރުކަޒުގެ ޒިންމާއެއް ކަމުން، މި މަރުޒާއި މާލޭ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މަޝްވަރާ ކުރުމަށްފަހު، މިހާރުން ފެށިގެން ތަނުގެ ކަރަންޓު ވަޔަރިންގ ހުރި ޙާލަތު ބަލައި ތަން ބޭވަނީ ނިންމާފަ އެވެ.

މިސްކިތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ވީ އެންމެ އަވަހަކަށް މިސްކިތް އަލުން ހުޅުވާލާނެކަމުގެ ޔަޤީންކަން މި މަރުކަޒުން ރައްޔިތުންނަށް އަރުވަ އެވެ. އަދި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ރައްޔިތުންގެ ފަރާތުން މި މަރުކަޒަށް ލިބެމުންދާ އެއްބާރުލުމަށް މި ފުރުޞަތުގައި ޝުކުރު ދަންނަވައެވެ.