އައިޖީއެމްއެޗް ބިއްދޮށް ފަރާތުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވަނީ ކޫޅިންގް ޓަވަރުތަކަކުންބޭރުކުރާ ފެނުގެ ސަބަބުން ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހޮސްޕިޓަލްގެ ހުޅަނގު ފަރާތުމް ބޮޑުތަކުރުފާނު މަގު އިންފާރުގައި ހެދިފައި އޮންނަ ފެންގަނޑުގެ ސަބަބުން، އެ ސަރަހައްދުން ހިނގައިބިގާވެ އުޅޭ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އެ ކަން ބެލިއިރު، ފެންގަނޑު ހެދެނީ ކޫލިން ޓަވަރުތަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުން ކަމަށް ފާހަގަވެފައިވާއިރު، މިއީ އެ ކައުންސިލަށް އެނގިގެން ހިނގާކަމެއް ނޫންކަމަށް ބަޔާނުގައި ބުންޏެވެ.

މި މައްސަލަ ހައްލުކުރަން އައިޖީއެމްއެޗާއި އެމްޑަބްލިއުއެސްސީން ވެސް މަސައްކަތް ކުރި ނަމަވެސް، އެކަމަށް ހައްލެެއް ލިބިފައި ނުވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ބަޔާނުގައި ވެ އެވެ.

އެހެންކަމުން އެ ފެންގަނޑު އެތާ ނުހެދޭނެ ގޮތް ހެދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އިސްވެ އައިޖީއެމްއެޗްއާއި އެކު ވާހަކަދައްކާ އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ސިޓީ ކައުންސިލުން މަސައްކަތްކުރާ ގޮތަށް އައިޖީއެމްއެޗުން ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސިޓީގެ މަގުމައްޗަށް އެއްވެސް ފަރާތަކުން ފެން ދޫކުރުމަކީ ކައުންސިލުން ހުއްދަ ދޭ ކަަމެއް ނޫން ކަމަށާއި އާއްމު ރައްޔިތުންނަށް އުނދަގޫވާ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.