ރައްޔިތުންގެ މަޖިލީހުެގ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.

މިއީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށް ބާއްވާ ޖަލްސާއެކެވެ. އަދި މާދސަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ވެސް އެކަން އެކަންޏެވެ.

ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިދެއްވާނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

މާދަމާގެ ޖަލްސާގައި ބަޖެޓް ހުށަހަޅާ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައި ނުގަންނަވާނެއެވެ. އެމަނިކުފާނު ހުންނެވީ ކޮޕް26 ގައި ބައިވެރިވުމަށް އިނގިރޭސި ވިލާތުގަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅަން ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތަށް ލިބޭނެކަމަށް 23.6 ބިލިއަން ރުފިޔާ ލަފާކޮށްފައިވާ އިރު، އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ޙާލަތުގައި ދަރަންޏާއި މާލީ ޙާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 2022އިން 2024އަށް މިހާރު އަންދާޒާ ކޮށްފައިވާ ބަޖެޓުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.