އަންނަ ޖެނުއަރީ ސެމެސްޓަރގައި އެވިޑް ކޮލެޖުން ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެވިޑުން ހުޅުވާލީ މިދިޔަ ހަފްތާގައެވެ. ތަފާތު އެކިދާއިރާތަކުން ފަންސަހަތްތަރި ( 75) ކޯހަށް ވުރެ ގިނަ ކޯސް އެވިޑް ކޮލެޖުން ޖެނުއަރީމަހުގައި ކުރިއަށް ގެންދާނެ ކަމަށް އެކޮލެޖުން ވިދާޅުވެފައިވެއެވެ. އޭގެތެރޭގާ މުޅިން އަލަށް ފަށާ ކޯސްތައްވެސް ހިމެނެއެވެ. އެއިން ކޮންމެ ކޯހަކީވެސް ދަރިވަރުގެ އާންމު މަޢުލޫމާތު މުއްސަނދިކޮށް ދާއިރާއިން ޚާއްޞަވުމަށް މަގު ފަހިކޮށްދޭނެ ފެންވަރު ރަނގަޅު ކޯހެއް ކަމަށް އެކޮލެޖުން ވިދާޅުވިއެވެ.
މިފަހަރު އެވިޑް ކޮލެޖުން އަލަށް ތަޢާރަފްކުރާ އެއްކޯހަކީ އެ ކޮލެޖުގެ ފެކަލްޓީ އޮފް ހިއުމެނީޓީސް އެންޑް ސޯޝަލް ސައިންސަސް އިން ކުރިއަށް ގެންދާ " ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ" އެވެ.
ފެކަލްޓީގެ ޑީން ފާތިމަތު މަޢީޝާ ވިދާޅުވި ގޮތުގައި އެ ކޮލެޖްގެ ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ކޯސް ފަރުމާކުރެވިފައިވަނީ ސައިކޮލޮޖީގެ ތަފާތު އޭރިއާތަކުން މަތީ ތަޢުލީމު ޙާޞިލްކުރުމާއި ކިޔަވައި ދިނުމުގެ ރޮގުން އިސް ދައުރެއް އަދާކުރުމާއި ދާއިރާއާ ގުޅޭ ގޮތުން އެކިއެކި ދިރާސާކުރުމުގެ ފަންނީ ހުނަރު ދަރިވަރުންނަށް ލިބިގެންދާ ގޮތަށެވެ. އެހެން ކަމުން މިކޯސް ނިމޭއިރު ދަރިވަރުންނަށް ނަފްސާނީ ޢިލްމާ ގުޅޭ މުހިންމު ގިނަ ތިއަރީތަކާ ކޮންސެޕްޓްތައް އެނގި ފަރިތަވާނެއެވެ. އަދި ޢަމަލީ ދާއިރާގައި އިތުބާރާއެކު ފައިތިލަ ސާބިތުކުރުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޯހުގައި ކިޔަވައިދެނީ ދިވެހިރާއްޖޭގައި ތިއްބެވި ދާއިރާއާއި ގުޅޭ ފުންނާބު އުސް އަދި ތަުޢުލީމީ ފެންވަރު ރަނގަޅު ލެކްޗަރަރސްއިންނެވެ. 3 އަހަރު ދުވަހުގެ މުއްދަތަށް (9 ސެމެސްޓަރއަށް) ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގެ ފުރަތަމަ އަހަރު ނުވަތަ ފުރަތަމަ 3 ސެމެސްޓަރ ފުރިހަމަކުރުމުން ދަރިވަރަށް ޑިޕްލޮމާއިން ސައިކޮލޮޖީ ސެޓްފިކެޓް ލިބޭނެއެވެ. އަދި ދެވަނަ އަހަރު ނިންމާލުމުން އެސޯސިއޭޓް ޑިގްރީ އިން ސައިކޮލޮޖީ އެވޯރޑް ކުރެވޭނެއެވެ. ތިންވަނައަހަރު ބެޗްލަރ އޮފް ސައިންސް އިން ސައިކޮލޮޖީ ލިބޭނެ ކަަމަށް އެ ކޮލެޖުން ވިދާޅުވިއެވެ.
ކާމިޔާބުކަމާއެކު މިކޯސް ފުރިހަމަކޮށް ނިންމާލުމުން ސްކޫލް އަދި ކޮލެޖް ފަދަ އިންސޓިޓިއުޓްތަކުގައި ލެކްޗަރަރ އަދި ޓީޗަރުކަމާއި ސްކޫލް، ހޮސްޕިޓަލް އަދި ކްލިނިކްތަކުގައި ލައިސަންސްޑް ސައިކޮލޮޖިކަލް އެސޯސިއޭޓް ކަމުގެ ވަޒީފާގެ ލިބުމަށް މަގުފަހިވެގެންދާނެއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އެންމެ ފުޅާކޮށް އަތްފޯރާ ފަދަ އަގެއްގައި ދަރިވަރުންނަށް ފޯރުކޮށްދެމުން ގެންދާ އެންމެ ބޮޑު އެއް ކޮލެޖެވެ.