ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް އިން ގަނެފައިވާ ކޮންޓެއިނަރ ބޯޓް ހޮނިހިރު ދުވަހު ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯއިން ވިދާޅުވީ މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައިވަނިކޮށް އެކުންފުނީން އިސްވެ 2020 ވަނަ އަހަރު އުފެއްދި ޝިޕިންގ ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓު ކަމަށެވެ.

އެކުންފުނިން ޗާޓަރުކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނެސްފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ. އެސްޓީއޯއިން މައުލޫމާތު ދެއްވި ގޮތުގައި ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިންގ މަސައްކަތްތައް ނިންމުމަށްފަހު މި ބޯޓު ބޭނުންކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށެވެ. މި ބޯޓުގެ ފަޅުވެރީންގެ 99 އިންސައްތައަކީ ދިވެހީންނެވެ. އެސްޓީއޯއިންވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިއުލާނު ކުރައްވައިފައެވެ.

އެމްއެސްއެސްއިން މިފަހަރު ގެނެސްފައިވަނީ 680 ކޮންޓެއިނަރުގެ ބޯޓެކެވެ. އެމްއެސްއެސް އުފެދުނީއްސުރެ ލަންކާއާ މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންގެންދާ ކަމަށް ވެސް އެޓީއޯއިިން ވިިދާޅުވިއެވެ.