ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.

ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ 4.1 ބިލިއަން ރުފިޔާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. ތައުލީމީ ދާއިރާގެ ކެޕިޓަލް ހަރަދަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 295 މިލިއަން ރުފިޔާ އެވެ.ނޭޝަނަލް ސްޓޫޑެންޓް ލޯނަށް 240 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު، ދަރިވަރުންގެ އެހެނިހެން ސްކޮލަޝިޕާއި ތަމްރީނުތަކަށް 208 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. ބަޖެޓު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން 12,000 ކުދިންނަށް ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. ހިލޭ ޑިގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި 159 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.