އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ދީނީ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެބްސައިޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފަ އެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން އެދިލެއްވިއެވެ.

މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯއާއި، އަދި ޝާއިޢުކޮށްފައިވާ ފޮތްތައް ހިމެނިފައި ވެއެވެ.

ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި އަދި ލެޕްޓޮޕާއި ކޮމްޕިޔުޓަރުންވެސް އުނދަގުލެއްނެތި ބެލޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓްގައި، އެ އިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ޚިޔާލާއި މަޝްވަރާ އަދި އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭ އިންތިޒާމް ހަމަޖެހިފައި ވެއެވެ.

މިވެބްސައިޓުގެ އެޑްރެހަކީ www.fatwamajlis.gov.mv އެވެ.